13 ޑިސެމްބަރ 2018 - 10:38

ކޮލަމްބޯ (ޑިސެމްބަރު 12) - ބޮޑު ވަޒީރުގެ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ އަށް އެ މަގާމު އަލުން ދިނުމަށް ލަންކާ ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.

ރަނިލްގެ ޕާޓީ ޔޫއެންޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ 117 މެންބަރުންގެ ވޯޓާ އެކު ވަނީ އޮކްޓޯބަރު 26 ގެ ކުރިން އޮތް ގޮތަށް ބަދަލު ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ދެންނެވުމަށް ވޯޓު ދީފަ އެވެ.
"މިއީ އޮކްޓޯބަރު 26 ވަނަ ދުވަހު ގެނައި ބަޣާވާތް ނާކާމިޔާބުކޮށްލަން ދިން ވޯޓެއް،" ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވި އެވެ.
ރަނިލް ދުރުކޮށް އެ މަގާމަށް ހަމަޖެއްސީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އެވެ. ނަމަވެސް ރަނިލް ވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށް ވިދާޅުވެ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ. އަނެއްކޮޅުން ރާޖަޕަކްސާ އަށް އިތުބާރު ނެތް ކަމަށް ޕާލަމެންޓުން ވަނީ ދެ ފަހަރެއްގެ މަތިން ފާސްކޮށްފަ އެވެ.
ބޮޑު ވަޒީރުގެ ހައިސިއްޔަތުން އެއްވެސް ކަމެއް ނުކުރަން ލަންކާގެ ކޯޓަކުން ވަނީ ރާޖަޕަކްސާ އަށް އަންގައިފަ އެވެ.