12 ޑިސެމްބަރ 2018 - 21:59

ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޝާ ވިދާޅުވީ އެތަނަށް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ގަރާޖުތަކާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެހެންވެ އެކަންތައްތައް ހައްލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ގަރާޖަކަށް އެތައް ކާރެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެހެންވެ އެކަންތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ފާހަގަކުރެއްވި އެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ބުނާ ގޮތުން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ، އިންޖީނު އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އަދި އެފަދަ އުޅަނދެއް ރާއްޖެ އަށް އެތެރެ ކުރެވޭނީ ވެސް އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އަދި އެއީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ގަރާޖަކަށް ވާން ޖެހެ އެވެ.
"އެއް ގަރާޖަކަށް އެތައް ކާރެއް ރަޖިސްޓްރީކޮށްފައި އެބަހުރި. މިއޮންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން ވަކި އިންސްޕެކްޝަން ޓީމެއް ކަނޑައަޅާފައި އެތަންތަން ބަލައި ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް އުވާލާނެ ކަމަށް ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައިި ދަތުރުކުރުމަށް ގިނަ ބަޔަކު ބޭނުންކުރަމުން އަންނަނީ ޓެކްސީ ކަމަށެވެ. އެހެންވެ އެތަންތަނުގެ ހާލަތު ރަނގަޅުކުރަންޖެހޭ ކަން ފާހަގަަކުރެއްވި އެވެ. އޭގެ ތެރޭގައި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލައި ތިމާވެއްޓާ ގުޅޭ ވެހިކަލްތައް ބޭނުންކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަކަމަށް ވިދާޅުވި އެވެ.
ސައިކަލާއި ކާރާއި ޕިކަޕު އަދި ލޮރީތަކަށް ޕާކިން ޒޯންތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެކަން ޕްލޭނިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު ހަރުދަނާކުރަން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް ވިދާޅުވި އެވެ.