ބްރިޖުން ފީ ނެގުމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމާ
ބްރިޖުން ފީ ނެގުމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމާ

ބްރިޖުން ފީ ނެގުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖުން ފީ ނަގާކަށް ވަކި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. ކަމާބެހޭ ފަރާތްތަކާ އެކު މިހާރު ވެސް ކުރަނީ ފީ ނަގާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބަހުސް ކަމަށް ވިދާޅުވި އެވެ.

ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނެގުމާ މެދު އަދި ވަކި ގޮތެއް ނުނިންމިއަސް، ބްރިޖުން ފީ ނަގާނެ ނިޒާމެއް ގާއިމުކުރަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފީ އެއް ނަގާނަމަ އެކަން ކުރާނީ ރައްޔިތުންނަށް އަތްފޯރާ އަދި ދަތުރުކުރެވޭނެ ފަދަ އަގެއްގައި ކަމަށެވެ.

"ހުރެފައި ބޮޑު ޓޯލެއް ނަގައިގެން އެކަމަކީ ރައްޔިތުންނަށް ދެކޮޅު ޖެއްސޭ ކަމަކަށް ނުވާނެ. އެކަން އަޅުގަނޑުމެން ނުކުރާނަން އަޅުގަނޑުމެންގެ މިނިސްޓްރީއަށް އަޅުގަނޑުމެން ދަރަނިވެރިވާން ޖެހުނަސް ވެސް. ރައްޔިތުންގެ ހައްގަށްޓަކައި ކުރަންޖެހޭ ކަންކަން އަބަދު ވެސް ކަށަވަރުކުރާނަން،" އައިޝާ ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހު ހުޅުވާލި ސިނަމާލެ ބްރިޖުން ފީ ނެގުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި އެވެ. ނަމަވެސް ފަހުވަގުތު ވަނީ އެކަން އާ ސަރުކާރަށް ދޫކޮށްލައިފަ އެވެ. އޭރު ސަރުކާރުން ނިންމީ އޮޓޮމެޓިކުން ފީ ކެނޑޭގޮތަށެވެ. އެއީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.