ޒަމީރު މާދަމާ ވެސް ފުލުހަށް ހާޒިރު ކުރަނީ
ޒަމީރު މާދަމާ ވެސް ފުލުހަށް ހާޒިރު ކުރަނީ

ނިމިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު މާދަމާ ވެސް ހާޒިރުވާން އަންގައި ދޫކޮށްލައިފި އެވެ.

މިއަދު 4 ޖެހިއިރު ޒަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލައެއްގައި ސުވާލު ކުރުމަށެވެ. ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ފުލުހުންގެ އިދާރާގައި ހޭދަ ކުރެއްވުމަށް ފަހު ނުކުންނަވައި ޒަމީރު ވިދާޅުވީ މާދަމާ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައި ވަޑައިގަތީ އެވެ. އެހެންކަމުން އޭނާ ހާޒިރުކުރަނީ ކޮން ކަހަލަ މައްސަލައެއްގައި ކީއްވެކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

މިދިޔަ ސަރުކާރުގައި އެމްއެމްޕީއާރުސީން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގިއިރު ޒަމީރު ހުންނެވީ ސަރުކާރުގެ މަގާމެއްގައެއް ނޫނެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަހުމަދު އަދީބެވެ. އޭނާ އާއި އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ކުށް ވަނީ ސާބިތުވެފަ އެވެ.

އަދީބަށް ފަހު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޒަމީރާއި އޭރުގެ ރައީސް އަބްދުﷲ ޔާމީނަކީ ޒަމާވީން އެކުވެރިންނެވެ. ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތް ކުރައްވާތާ އެތައް އަހަރުތަކެއްވެއްޖެ އެވެ.

ޒަމީރު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު މިއީ އާ ސަރުކާރުން ސިޔާސީ ބޭފުޅަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދައިދިނުން ހިމެނެ އެވެ.