12 ޑިސެމްބަރ 2018 - 17:11

ނިއު ދިއްލީ (ޑިސެމްބަރު 12) - އިންޑިއާގެ ތިން ސްޓޭޓުގައި އިއްޔެ ބޭއްވި އިންތިޚާބުން ވެރިކަން ކުރާ ބީޖޭޕީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިދިކޮޅު ކޮންގްރެސް އިން ވަނީ ޗަޓިސްގާރް އާއި ރާޖަސްތާން އަދި މަދިޔަ ޕްރަދޭޝްގައި ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓު ހޯދައިފަ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ކަމަށް 2014 ވަނަ އަހަރު ނަރެންދުރަ މޯދީ ގެނައުމަށް މި ތިން ސްޓޭޓުގެ ވޯޓު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ބީޖޭޕީ ވެރިކަމަށް އައި ފަހުން ވެސް ސްޓޭޓް އިންތިޚާބުތަކުގައި އެ ޕާޓީ ކާމިޔާބު ހޯދަމުން އައިސް އެންމެ ފަހުން މި ބޭއްވި އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަކީ އެ ޕާޓީ އަށް ވެސް ލިބުނު ކުއްލި ހައިރާން ކަމެކެވެ.
އިންޑިއާގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. ބީޖޭޕީން ބުނެފައި ވަނީ އަންނަ އަހަރު އޮންނަ އިންތިޚާބުގެ ނަތީޖާ ކަނޑައަޅަން ސްޓޭޓް އިންތިޚާބުގެ ނަތީޖާ މުހިންމު ނޫން ކަމަށެވެ.