ހެޑްފޯން ޖެކެއް ނެތް ސްމާޓްފޯނެއް ގަންނާނަންތަ؟
ހެޑްފޯން ޖެކެއް ނެތް ސްމާޓްފޯނެއް ގަންނާނަންތަ؟

ސުވާލު ރަނގަޅަށް ކިޔާލާށެވެ. ދެ ގޮތަކަށް މާނަކުރެވިދާނެ އެވެ. ހެޑްފޯން ޖެކް އިންނަނީ ހެޑްފޯން ވާނގަޑުގަ އެވެ. ފޯނަކު ނޫނެވެ. ފޯނުގައި އިންނަނީ ހެޑްފޯން ޖެކް ޖަހާ ތަނެވެ. ނުވަތަ ހެޑްފޯނު ޕޯޓެވެ. އެހެންކަމުން މިއީ ކަމުނުދާ ސުވާލެއް ކަމަށް ވެސް ނިންމިދާނެ އެވެ.

ހެޑްފޯން ޖެކެއް ނެތް ސްމާޓްފޯނެއް ގަންނާނަންތަ؟
ހެޑްފޯން ޖެކެއް ނެތް ސްމާޓްފޯނެއް ގަންނާނަންތަ؟

މިއީ އިންޓަނެޓް ފޯރަމްތަކުގައި މިހާރު ފެތުރޭ ސުވާލެކެވެ. ވޯޓެއް ނަގަނީ އެވެ. ސުވާލުގައި އެ އަހަނީ ހުރިހާ ސްމާޓްފޯނެއްގައިހެން ބޭނުންކުރެވޭ 3.5އެމްއެމް ހެޑްފޯން ޖެކް ޖެހެން ނެތް ސްމާޓްފޯނެއް ބޭނުންތޯ އެވެ. ސުވާލާ މެދު ބަލަން ޖެހެނީ ނުރުހުމުގެ ލޮލަކުންނެވެ. މި ބުނި މާނަ ދޭހަވާނީ އެއިރުންނެވެ.

އެ އޮތީ އައިފޯނަށް ޖޯކް ޖަހާފަ އެވެ. ނެރެން އުޅޭ އައިފޯނަށެވެ. އަޑުތައް ފެތުރިފައި ވަނީ، އައިފޯން 7 ގައި 3.5އެމްއެމް ހެޑްފޯން ޖެކް ބޭނުންނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ހެޑްފޯން ވާގަނޑުގައި ވެސް އިންނާނީ ލައިޓިން ކަނެކްޓަރެކެވެ. އައިފޯން 7 ގައި 3.5އެމްއެމް ހެޑްފޯން ޕޯޓެއް ނެތުމަކުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ބުނާނީ އެއީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެޕަލް ކުންފުނި ތެރޭގައި ވާނުވާ އެނގޭ މީހުން ބުނާ ގޮތުގައި 3.5އެމްއެމް ޖެކް އުވާލަން ޖެހެ އެވެ. އެހެން ނަމަވެސް އައިފޯނު 7 ގައި 3.5 އެމްއެމް ޖެކް ބޭނުންކުރެވޭ ގޮތް އެޕަލުން ހަދާނެ އެވެ. އެއީ ކޮންވާޓާއެއް ނުވަތަ އެޑަޕްޓަރެއް މެދުވެރިކޮށެވެ.

އެޕަލުން އައިފޯން 7 އުފައްދަނީ ދެން ހުރި ފޯނުތަކަށް މަގު ދައްކާ ފޯނެއް ގޮތުގަ އެވެ. ހެޑްފޯން ވާގަނޑު ކޮޅުގައި ލައިޓްނިން ކަނެކްޓަރެއް ހަރުކުރުމުން ކުރާނެ ފައިދާ، އައިފޯނު ހަތަކުން އެނގޭނެ އެވެ. އެޕަލުން ބޭނުންވަނީ އައިފޯނުގެ އޯޑިއޯ ބޭންޑް ފުޅާކުރާށެވެ. ހެޑްފޯން ޖެކަށް ބަދަލު ގެނެސްގެން ނޫނީ އެޕަލް އިން ބޭނުންވާ މިންގަނޑަށް ފެއްތޭކަށް ނެތެވެ.

އައިފޯން 7 އަށް ގެންނަ ގިނަ ބަދަލުތައް ވާދަވެރިންގެ ފޯނުތަކުން ލަސްތަކެއް ނުވެ ފެންނާނެ އެވެ. އޭގެ ތެރޭގައި 3.5 ހެޑްފޯން ޖެކް ބޭނުންނުކުރެވޭ ފޯނުތައް ވެސް ހުންނާނެ އެވެ. އިންތިޒާރުކުރަމާ ދޯ އެވެ.