12 ޑިސެމްބަރ 2018 - 16:46

ބެއިޖިން (ޑިސެމްބަރު 12) - ޗައިނާގެ އެންމެ މުއްސަނދި މީހާގެ ލަގަބް އަލީބާބާގެ ވެރިޔާ ޖެކް މާ އަށް ގެއްލިއްޖެ އެވެ.
ޗައިނާގެ ބައެއް ނިއުސް ވެބްސައިޓްތަކުން ބުނެފައިވާ ގޮތުގައި ޖެކް މާގެ މިލްކިއްޔާތުގައި 35.4 ބިލިއަން ޑޮލަރު ހުރި އިރު އެވަގްރޭންޑް ގްރޫޕްގެ ވެރިޔާ ޒޫ ޖިއަޔިންގެ މިލްކިއްޔާތުގައި 42.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ޓެންސެންޓްގެ ބާނީ ޕޮނީ މާ ހުއަޓެންގެ މިލްކިއްޔާތުގެ އަގު ވެސް 35.3 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.
ޗައިނާގެ އެންމެ މުއްސަނދި މީހާ އަކީ ޖެކް މާ ކަމަށް ފޯބްސް އިން ބުނެފައި ވަނީ މިދިޔަ އަހަރު އެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތު މި އަހަރު ދަށްވެފައިވާ އިރު އެވަގްރާންޑްގެ ހިއްސާގެ އަގު ވަނީ މަތިވެފަ އެވެ.
ޗައިނާގެ އެންމެ މުއްސަނދިންގެ ލިސްޓަށް ފުރަތަމަ އެރި އަންހެނާ ކަމަށްވާ ޕްރޮޕަޓީ ޑިވެލޮޕާ ކުންފުންޏެއް ކަމަށްވާ ކަންޓްރީ ގާޑަން ހޯލްޑިންސްގެ ހިއްސާދާރު ހަން ހުއިޔާންގެ މިލްކިއްޔާތަކީ 18.2 ބިލިއަން ޑޮލަރު ކަމަށް ވަނީ ބުނެފަ އެވެ. ޗައިނާގެ އެންމެ ޒުވާން ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ޓެކްނޮލޮޖީ ކުންފުނި ބައިޓްޑާންސްގެ ފައުންޑާ 34 އަހަރުގެ ޒަންގް ޔިމިންގެ މިލްކިއްޔާތުގައި 6.8 ބިލިއަން ޑޮލަރު ހުރި ކަމަށް ބުނެފައިވެ އެވެ.