13 ޑިސެމްބަރ 2018 - 10:06

ޗައިނާ އިން 15 ޕަސެންޓް ޓެރިފް ކަނޑާލުމަށް ނިންމައިފި އެވެ.
ޗައިނާ އާއި އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައަށް ހައްލެއް ހޯދުމަށް ދެ ގައުމުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ޗައިނާ އިން މިހާރު އިތުރުކޮށްފައިވާ 40 ޕަސެންޓް ޓެރިފުން 15 ޕަސެންޓް ކަނޑާލުމަށް ވަނީ ނިންމައިފަ އެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ މިކަމާ ގުޅޭ ރަސްމީ ލިޔެކިޔުންތައް އަދި ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް މިގޮތަށް ޗައިނާ އިން އެއްބަސްވީ ބޮޑު ވަޒީރުގެ ނައިބް، ލިއު ހީ އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވް ރޮބާޓް ލައިޓްހައިޒާއާ ފޯނުން ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.
ޗައިނާ އާއި އެމެރިކާއާ ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކުރަން ފެށީ އާޖެންޓީނާގައި ބޭއްވި ޖީ20 ސަމިޓްގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ރައީސުން ބައިވެރިވެވަޑައިގަތެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވީ، އެމެރިކާ އިން ބޭނުންވާ ކަންކަމާ މެދު އެއްބަސްނުވެވިއްޖެ ނަމަ އިމްޕޯޓް ޓެރިފްގެ އަގު 200 ބިލިއަން ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާގައި އުފައްދައިގެން އެމެރިކާ އަށް އެތެރެކުރާ އައިފޯނާއި ލެޕްޓޮޕާއި ކޮމްޕިއުޓަރުން ވެސް ޓެކްސް ބޮޑުކުރަން ވިސްނާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ. ވައިޓް ހައުސް އިން ވަނީ މި ނިންމުން 90 ދުވަހަށް ސަސްޕެންޑް ކުރުމަށް މިހާރު ނިންމައިފަ އެވެ