14 ޑިސެމްބަރ 2018 - 10:05

އަންނަ އަހަރުވެގެން ދާނީ މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު އަށް ވަރަށް ބިޒީ އަހަރަކަށެވެ. އަދި އޭނާ ބޮޑު ސްކްރީނުން އަންނަ އަހަރު ފެންނަލެއް ވެސް ގިނަވާނެ އެވެ.
އޮލިމްޕަސް ސިނަމާ އަށް އައިސްފައި އޮތް ފަޅުކަން އަންނަ އަހަރު ފިލުވައިދޭން ފަށާނެ ފުރަތަމަ ފިލްމަކީ ވެސް ޔޫއްޕެ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ. އެއީ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. އަންނަ މަހުގެ 3 ގައި ޕްރިމިއާ ކުރާ އެ ފިލްމަށް ފަހު ދެން ސިނަމާ އަށް އަންނާނީ ޔޫއްޕެ ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "40+" އެވެ. އެއީ ފެބްރުއަރީ މަހުގެ 27 ގަ އެވެ. "40+" އަކީ 2016 ގައި ޔޫއްޕެ ގެނެސް ދިން "ނޯޓީ 40" ގެ ދެވަނަ ބައެވެ.
މި ދެ ފިލްމާ އެކު އަންނަ އަހަރު ޔޫއްޕެގެ ގިނަ މަސައްކަތްތަކެއް އަދި ކުރިއަށް ހުރީ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު "ދައުވަތު" ކިޔާ ބިރުވެރި ފިލްމެއް އިއުލާން ކުރި އެކްޓަރު މިހާރު ވަނީ އަނެއްކާވެސް އިތުރު ފިލްމެއްގެ މަސައްކަތް ނިންމައިފަ އެވެ.
އެއީ ޔޫއްޕެ، ލިޔެ ޑައިރެކްޓްކޮށް ސަޕޯޓިން ރޯލެއް ވެސް ކުޅެފައިވާ އަސަރު ގަދަ ލޯބީގެ ފިލްމު "ނަފުރަތުވުން" އެވެ. ފިލްމުގެ ޝޫޓިން މިހާރު ވަނީ ބ. ދަރަންވަދޫގައި ނިންމާލައިފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މަރިޔަމް އައްޒަ އާއި އަލީ (ދޮން އައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.
ޔޫއްޕެ ބުނީ "ނަފުރަތުވުމުން" ވެގެން ދާނީ ލޯބީގެ އަސަރު ގަދަ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ކަމަށެވެ.
"ފިލްމުގެ ޝޫޓިން މިހާރު މިއޮތީ އެއްކޮށް ނިންމާލެވިފައި. ދެން އޮތީ މީގެ ޕޯސްޓް ޕްރޮޑްކަޝަން މަސައްކަތް،" މި އަހަރު ދެވަންސޫރަ ގެނެސް ދިން ޔޫއްޕެ ބުންޏެވެ.
އޭނާ ބުނީ "ނަފުރަތުވުމުން" ގެ ޝޫޓިންއާ އެކު "ދައުވަތު" ގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ފިލްމަކީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް އަދި ސަޕޯޓިން ރޯލަކުން ވެސް ފެނިގެން ދާނެ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އައްޒަ، ދޮން އައްޔަ، އާނަންދު، ނުޒުހަތު (ނުޒޫ) ޝުއައިބްގެ އިތުރުން އިރުފާނާ (އިރޫ) އިބްރާހީމް ހިމެނެ އެވެ.
"ދައުވަތުގެ މަންޒަރުތަކެއް ވެސް ދަރަވަންދޫގައި ވަނީ ނަގާފައި. އެކަމަކު އަދި އެބަހުރި ބާކީ މަންޒަރުކޮޅެއް ނަގަން. ބޮޑު ޗުއްޓީތެރެ ވީމަ ބައެެއް ކާސްޓުން ޗުއްޓީ އަށް އެކި ތަންތަނަށް ގޮސްފައިވާތީ މި ފަހަރު އެއްކޮށް ޝޫޓިން ނިންމައި ނުލެވުނީ،" ދަރަވަންދޫގައި ހުރެ ޔޫއްޕެ ބުންޏެވެ. "އެހެންވެ މިހާރު ޓާގެޓްކޮށްގެން މި ހުރީ އަންނަ މަހުގެ ތެރޭގައި ދައުވަތުގެ ބާކީ މަންޒަރުތައް ޝޫޓް ކުރަން."
"ނަފުރަތުވުމުން" އާއި ދައުވަތު" ވެސް އަންނަ އަހަރުގެ ކުރީކޮޅު ސިނަމާ އަށް ގެންނަން ވަނީ ނިންމައިފަ އެވެ. އަދި މާޗް މަހާއި އެޕްރީލްގެ ތެރޭގައި ދެ ފިލްމު އަޅުވަން ޕްލޭންކޮށްފައިވެ އެވެ.
"އެކަމަކު އަދި ނުނިންމަން މީގެ ތެރެއިން ކޮން ފިލްމެއްތޯ ކުރިން އަޅުވާނީ. ޔަގީނުން ވެސް މާޗާއި އެޕްރީލްގެ ތެރޭގައި ފިލްމުތައް ފެންނާނެ،" ޔޫއްޕެ ބުންޏެވެ.
"ދައުވަތު" އާއި "ނަފުރަތުވުމުން" ގެ އިތުރުން ވެސް މި އަހަރު ދެ ފިލްމެއް ޑައިރެކްޓް ކުރަން، ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ވަނީ ނިންމައިފަ އެވެ. އެގޮތުން މިދިޔަ އަހަރު އިއުލާން ކުރި "ކަޅަކި" އާއި "ޖަންނަތު" ކިޔާ ފިލްމެއް ހިމެނެ އެވެ.
"މިހާރު މަސައްކަތްތައް ފަށާފައި މި ހުރި ފިލްމުތަކުން އެއްކޮށް އަތްދޫކޮށް ލެވުނީމަ އަނެއް ދެ ފިލްމުގެ މަސައްކަތް ފަށާނަން. ބަލާނަން އަންނަ އަހަރު ފަހުކޮޅަށް ނަމަވެސް އެ ދެ ފިލްމު ވެސް ސިނަމާ އަށް ގެނެވޭތޯ،" ޔޫއްޕެ ބުންޏެވެ.