ޑީއާރުޕީން ހަބަށް ދޭންޖެހޭ ހަތް ލައްކަ ރުފިޔާގެ މައްސަލަ ސުޕްރީމް ކޯޓަށް
ޑީއާރުޕީން ހަބަށް ދޭންޖެހޭ ހަތް ލައްކަ ރުފިޔާގެ މައްސަލަ ސުޕްރީމް ކޯޓަށް

ބޮޑެތި ދަރަނިތަކަކާ ކުރިމަތިވެފައިވާ ޑީއާރުޕީީން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަބް ކޮމްޕެނީއަށް ދައްކަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ހަބް ކޮމެޕްނީއަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ހުކުމްކުރީީ އެ ޕާޓީން އެކި ފަހަރު މަތިން ހަބް ކޮމްޕެނީން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދެއްކުމުން އެ ކުންފުނިން ދައުވާ ކުރުމުންނެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.

ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ އަދިވެސް ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒުކޮށްދޭން ހަބް ކޮމްޕެނީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ނިންމީ އެ ހުކުމް މިވަގުތު ތަންފީޒުކޮށް ދެވެން ނެތް ކަމަށެވެ.

ސަބަބަކީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ޑީއާރުޕީން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާތީ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.

މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފްކޮށްފި ނަމަ އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާނެ އެވެ. އެއީ 2012 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ރިޓް އޮފް ޕްރޮހިބިޝަނެއްގައި ކަނޑައަޅާފައިވާ އުސޫލެކެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ މައްޗަށް ދަރަނީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް 19 މިލިއަން ރުފިޔާގެ ދައްކަން އެ ޕާޓީގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވާއިރު އެމްޓީސީސީއަށް ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން އެ ޕާޓީގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.