12 ޑިސެމްބަރ 2018 - 13:48

ނިމިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު)، "މިހާރު" އަށް ވިދާޅުވީ ޒަމީރު މިއަދު 4:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ މައްސަލައަކާ ގުޅިގެން ކަމަށް އަންގާފައިވާ ކަމަށެވެ.
އެ ކަމާ ގުޅޭގޮތުން ޒަމީރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
މުންދު ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ބަންދު ކުރުން ކަމަށާއި ޒަމީރު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އެ ބޭނުމުގައި ކަމަށެވެ.
މިދިޔަ ސަރުކާރުގައި އެމްއެމްޕީއާރުސީން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގިއިރު ޒަމީރު ހުންނެވީ ސަރުކާރުގެ މަގާމެއްގައެއް ނޫނެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަހުމަދު އަދީބެވެ. އޭނާ އާއި އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ކުށް ވަނީ ސާބިތުވެފަ އެވެ.
އަދީބު ވިދާޅުވާގޮތުގައި އެ ހިޔާނާތުގެ ފަހަތުގައި ހުންނެވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. އަދި ޕީޕީއެމާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ވިދާޅުވެ އެވެ.
ޒަމީރު މިއަދު ހަވީރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަން ނިންމާފައިވާއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަގާމުން ވަކިކުރައްވައި އެ އިދާރާ ހިންގެވުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ މުހައްމަދު ހަމީދު (އެމްސީ) އާ އެވެ.