ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް
ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

ބާސެލޯނާ (ޑިސެމްބަރު 12) – ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ 1-1 އިން ބާސެލޯނާ އެއްވަރުވުމާ އެކު އެ ޓީމަށް މުބާރާތުގެ ހާއްސަ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.

ބާސެލޯނާ އިން މިވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ ޖެހިޖެހިގެން 29 މެޗު ހަމަކޮށްގެން ބަޔާން މިއުނިކުން ހަދާފައިވާ އެއްވަރުކޮށްފަ އެވެ.

ބާސެލޯނާ އިން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް މި މުބާރާތުގައި އަމިއްލަ ދަނޑުގައި ކުޅުނު 29 މެޗުގެ ތެރެއިން 26 މެޗުން ވަނީ މޮޅުވެފަ އެވެ. އެއްވަރުވީ ތިން މެޗެވެ.

ބަޔާން މިއުނިކުން އެ ރެކޯޑް ހެދީ 1998 އިން 2002 ގެ މުއްދަތުގެ ތެރޭގަ އެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނުކުތް އިރު ވެސް އޮތީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އޮސްމާނޭ ޑެމްބެލޭގެ ލަނޑުން ހަތް ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑު ނަގާފައިވަނިކޮށް ޓޮޓެންހަމުން އެއްވަރުކުރީ 85 ވަނަ މިނެޓުގައި ލޫކަސް މޯރާ ޖެހި ގޯލުންނެވެ. އެއާ އެކު ޓޮޓެންހަމަށް ވަނީ ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ.