18 އޯގަސްޓް 2016 - 11:02

ރިޔާޒް (އޮގަސްޓް 18) - ސައުދީ އަރަބިއާގެ ސަރުކާރު ބަދަލު ކުރުމަށް އެ ގައުމުގެ ރައްޔިތުން ތެދުވުމަށް އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ދަރިއަކު ގޮވާލައިފި އެވެ.
ސައިޓް އިންޓަލިޖެންސް ގްރޫޕުން ބުދަ ދުވަހު ބުނީ ހަމްޒާ ބިން ލާދިންގެ އޯޑިއޯ މެސެޖެއްގައި ވަނީ ސައުދީ ސަރުކާރު ބަދަލު ކުރަން ޖެހެނީ އެމެރިކާގެ ނުފޫޒުން އެ ގައުމު ސަލާމަތް ކުރަން ކަމަށް ބުނެފަ އެވެ. އަދި ސައުދީ ސަރުކާރު ބަދަލު ކުރުމަށް އެ ގައުމުގެ ޒުވާނުން ޔަމަނުގައި ހިންގާ އަލްގައިދާ އެރޭބިއަން ޕެނިންސުލާ ޖަމާއަތާ ގުޅުމަށް ވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.
އަލްގައިދާ އެރޭބިއަން ޕެނިންސުލާ ޖަމާއަތް ޖެނުއަރީ 2009 ގައި އުފެއްދީ ޔަމާނާއި ސައުދީ އަރަބިއާގެ އަލްގައިދާ ގޮފި ގުޅިގެންނެވެ. ބިން ލާދިން މަރާލީ އެމެރިކާގެ ނޭވީ ސީލުން ހަމަލާދީ 2011 ވަނަ އަހަރު އެވެ.
އެމެރިކާ އިން ބުނެފައި ވަނީ އުމުރުން މިހާރު 23 އަހަރުގެ ހަމްޒާ އަކީ ބިން ލާދިން އަށް ފަހު އަލްގައިދާ ޖަމާއަތުގެ ލީޑަރުކަން ކުރާނެ މީހާ އެވެ. އެކަމަކު އެ ޖަމާއަތުގެ މިހާރުގެ ލީޑަރަކީ މިސްރަށް އުފަން އައްޔުމަން އަލް ޒަވާހިރީ އެވެ.
ސައުދީ އަރަބިއާ އިން 1994 ވަނަ އަހަރު ވަނީ ބިން ލާދިންގެ ސައުދީ ރައްވެހިކަން ނަގައިފަ އެވެ.