12 ޑިސެމްބަރ 2018 - 11:39

މެންޗެސްޓާ (ޑިސެމްބަރު 12) - މެންޗެސްޓާ ސިޓީގެ އަނިޔާގެ މައްސަލަ އިންތިހާއަށް ބޮޑުވެ ކޯޗު ޕެޕް ގާޑިއޯލާގެ ހާސްކަން ވެސް ބޮޑުވެއްޖެ އެވެ.
އަނިޔާގެ ސަބަބުން ސިޓީގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑިބްރާނާ އާއި ސާޖިއޯ އަގުއޭރޯ އަދި ބެންޖަމިން މެންޑީ ކުޅުމާ ދުރުގައި ތިއްބާ، އެންމެ ފަހުން ޗެލްސީ އަތުން ބަލިވި މެޗުގައި ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ޑޭވިޑް ސިލްވާ އަށް ވަނީ އަނިޔާވެފަ އެވެ.
ގްރޫޕް އެފްގެ އެއް ވަނައިގައި މި ވަގުތު ސިޓީ އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިޔޯނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޝަހުތަރު ޑޮނެސްކަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ހޮފެންހައިމްގެ އޮތީ ތިން ޕޮއިންޓެވެ.
"ފުރަތަމަ ޓީމަށް ބަލާއިރު މި ވަގުތު ސިޓީގައި ކުޅެވޭ ގޮތަށް މި ތިބީ 15 ކުޅުންތެރިން. އަހަންނަށް ނެތް މާ ބޮޑު ބަދަލުތަކެއް ގެނެވޭކަށެއް. އުފަލަކީ މި ވަގުތު ވެސް ދެ ވަނަ ބުރުގެ ޖާގަ ޔަގީންވެފައި އޮތުން. އެކަމަކު އެ ވަރަކުން ފަރުޖައްސާލެވޭކަށެއް ނެތް. އެއީ ފަހު މެޗުން މޮޅުވެ އެއް ވަނަ ހޯދަން ބޭނުން،" މިރޭ އަމިއްލަ ދަނޑުގައި ހޮފެންހައިމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ. އެކަމަކު ގާޑިއޯލާގެ ވިސްނުން ހުރީ މެޗުން މޮޅުވެ ރަނގަޅު ފޯމެއްގައި އަލުން ފެށުމަށެވެ.
"އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފައި މި އޮތީ. އަލުން ކުރިން އޮތް ކޮންފިޑެންސް ލެވެލާ ހަމައަށްދާން މެޗުތަކުން މޮޅުވާން ޖެހޭ. ފުޓްބޯޅައިގައި އަަހަރެންގެ ވިސްނުމެއް ނޫން އެއީ އެއް ޕޮއިންޓަށް ކުޅުމަކީ،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ފަހު މެޗަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ފެސްޓިވް މެޗުތަކާއި ކުރިމަތިލާއިރު ސިލްވާ އަށް މުހިއްމު މެޗުތަކެއް ގެއްލޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
"އަހަރެންގެ ކަންބޮޑުވުމަކީ ގާތްގާތުގައި މުހިއްމު މެޗުތަކެއް ކުޅޭއިރު ސިލްވާ ފަދަ ކުޅުންތެރިންނަށް ނުކުޅެވުން. ޒުވާން ކުޅުންތެރިންނަށް އެ ފަދަ މަގާމުތައް ފޫބެއްދުމުގައި އުނދަގޫތަކެއް ހުންނާނެ،" ގާޑިއޯލާ ބުންޏެވެ.
މިރޭ ހޮފެންހައިމްއާ ދެކޮޅަށް ސިޓީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.