އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އެމްސީ ހަމީދު
އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އެމްސީ ހަމީދު

އެކްޓިން ޕޮލިސް ކޮމިޝަނާގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސަވައިފި އެވެ.

އެކްޓިން ޕޮލިސް ކޮމިޝަނާގެ މަގާމަށް އެމްސީ ހަމީދު ހަމަޖެއްސީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި، އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ހަމީދު އެސިސްޓެންޓް ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓް ކުރީ މި މަހު 4 ވަނަ ދުވަހު އެވެ

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުކޮށެވެ. ސިއްރު މައުލޫމާތު ލީކު ކުރުމުގެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.

ފުލުސް އޮފީސް ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޅިޔަނު އެމްސީ ހަމީދާ ހަވާލުކޮށްފައި މި ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު މިއަދު ވަކިކުރުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި ކޮމިޝަނަރުކަމުން ހަމްދޫން ވަކިކުރެއްވީ ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރުމުގެ ފުރުސަތު ދެއްވާ ގޮތަށެވެ

ފުލުހުންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ހަމްދޫން ކޮމިޝަނަރު ކަމަށް މިދިޔަ އޮކްޓޯބަރު މަހު އައްޔަން ކުރެއްވީ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އެވެ. ހަމްދޫނަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ކޮމާންޑަރެވެ.