12 ޑިސެމްބަރ 2018 - 10:41

މިހާރު ކުރިއަށްދާ ޔޮނެކްސް ބަންގްލަދޭޝް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އައިމިނަތު ނަބީހާ އާއި ނިބާލް އަހުމަދު ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ފިރިހެން ސިންގަލްސް ބައިން ޒުވާން ކުޅުންތެރިއާ ނިބާލް ދެ ވަނަ ބުރުން ފުރުސަތު ހޯދީ މެލޭޝިއާގެ މުހައްމަދު ނަޒްމާންގެ މައްޗަށް 21-19 އަދި 21-13 އިން ކުރި ހޯދައިގެންނެވެ. ދެ ވަނަ ބުރުގައި ނިބާލް މިއަދު ކުޅޭނީ ބަންގްލަދޭޝްގެ މުހައްމަދު ސަލްމާންއާ އެވެ.
އަންހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުން ނަބީހާ ޖާގަ ކަށަވަރުކުރީ ބަންގްލަދޭޝްގެ އަފްރީނާ އިސްލާމްގެ މައްޗަށް 21-08 އަދި 21-09 އިން ކުރި ހޯދައިގެންނެވެ. ދެ ވަނަ ބުރުގައި ނަބީހާ މިއަދު ބައްދަލުކުރާނީ ތިން ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ މުގްދާ އަގްރޭއާ އެވެ.
ރާއްޖޭގެ އިބްރާހިމް ޝާމިއު އާއި ނީލާ ނަޖީބުގެ ޕެއާ ވަނީ މިކްސް ޑަބަލްސް އިވެންޓުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ޝާމިއު އާއި ނީލާގެ ޕެއާ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝްގެ ޕެއާ އެއް ކަމަށްވާ ތުޝާރު ކްރިޝްނާ އާއި ރެހެނާ ޕަރްވީންގެ ޕެއާ އަތުން 19-21، 21-11 އަދި 23-21 އިން ބަލިކޮށްފަ އެވެ. މިއަދު ދެ ވަނަ މެޗުގައި ޝާމިއު އާއި ނީލާ ނުކުންނާނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ މެލޭޝިއާގެ ޕެއާ އެއް ކަމަށްވާ ޕަން ރޯން ޔިއާ ސީގެ ޕެއާއާ ދެކޮޅަށެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި ވާދަކުރި ރާއްޖޭގެ ޒަޔާން ޒަކީ ބަލިވީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ގޯރަބް ސިންހާއާ ވާދަކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ 21-17، 21-13 އިންނެވެ. އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އަޖުފާން ރަޝީދު ބަލިވީ އިންޑޮނީޝިއާގެ ލިއޮނާޑޯ އަތުން 21-09 އަދި 21-08 އިންނެވެ. ސާރިމް މުހައްމަދު ބަލިވީ މޮރިޝަސްގެ ޖީން ބެނާޑް އަތުން 21-09 އަދި 21-18 އިންނެވެ. ބަންގްލަދޭޝްގެ ޕަރާޝް ހަބީބް އަތުން މުހައްމަދު ރަފާހު 21-8 އަދި 21-13 އިން ބަލިވިއިރު، މުބާރާތުގައި ހަ ވަނަ އަށް ސީޑްކޮށްފައިވާ މެލޭޝިއާގެ ޓެކް ޒީ އަތުން ރާއްޖޭގެ އަރްސަލާން އަލީ ބަލިވީ 21-0 އަދި 21-03 އިންނެވެ. މުހައްމަދު އާކިފް ވަނީ ބަންގްލަދޭޝްގެ އަރީފުލް އިސްލާމް އަތުން 21-05 އަދި 21-08 އިން ބަލިވެފަ އެވެ.
އަންހެން ސިންގަލްސް ބައިން ރާއްޖޭގެ މާޝާ ރަޝީދު ބަލިވީ މުބާރާތުގައި ފަސް ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ އޯރެލީ މަރީ އަތުން 21-06 އަދި 21-07 އިންނެވެ. މުބާރާތުގައި ހަތް ވަނަ އަށް ސީޑްކޮށްފައިވާ އިންޑޮނީޝިއާގެ ޕުތުރީ ކުސޫމާއާ ވާދަކޮށް ނީލާ ބަލިވީ 21-05، އަދި 21-06 އިންނެވެ.
ފިރިހެން ޑަބަލްސް ބައިން ރާއްޖޭގެ ތިން ޕެއާ ވެސް ވަނީ ފުރަތަމަ ބުރުން ބަލިވެފަ އެވެ. މުބާރާތުގެ އަންހެން ޑަބަލްސް ބައިގައި މިއަދު ރާއްޖޭގެ ދެބެން ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ ނުކުންނާނީ ޕްރަމޯދިކާ ހެންދަހޭވަ އާއި ކަވީދީ ސިރިމަނަގޭގެ ޕެއާއާ ދެކޮޅަށެވެ. ނަބީހާ އާއި ނަބާހާ ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ހަތަރު މެޑަލް ހޯދައިފަ އެވެ. އެއީ ތިން ރިހި މެޑެއްޔާއި އެއް ލޯ މެޑަލް އެވެ.