އެމްބަސީ ގުދުސް އަށް ބަދަލު ނުކުރަން އަރަބި ލީގުން ބްރެޒިލަށް އަންގައިފި
އެމްބަސީ ގުދުސް އަށް ބަދަލު ނުކުރަން އަރަބި ލީގުން ބްރެޒިލަށް އަންގައިފި

ގާހިރާ (ޑިސެމްބަރު 11) - ފަލަސްތީނުގެ ގުދުސް އަށް ބްރެޒިލް އެމްބަސީ ބަދަލު ނުކުރަން 22 ގައުމު ހިމެނޭ އަރަބި ލީގުން ބްރެޒިލްގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖައިރް ބޮލްސޮނާރޯ އަށް އަންގައިފި އެވެ.

އަންނަ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޮލްސޮނާރޯ ވަނީ ބްރެޒިލް އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ އެ ނިންމެވުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ގައުމުތަކުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ ހިތްވަރު ލިބިފައި ވަނީ އެމެރިކާ އެމްބަސީ މިދިޔަ މެއި މަހު ގުދުސް އަށް ބަދަލު ކުރުމުންނެވެ.

އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބްދުލް ޣައިސް ބޮލްސޮނާރޯ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ބްރެޒިލް އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ.

ބްރެޒިލް އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ބޮލްސޮނާރޯ ނިންމެވުމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.