12 ޑިސެމްބަރ 2018 - 07:38

މިހާރު އޮންލައިންކޮށް ކާއެއްޗެހި އޯޑަރު ކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ ހިދުމަތް ދޭ ތަންތަނުގެ މަގުބޫލުކަން ވެސް ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑެވެ. އެހެންވެ އެންމެ ގަޔާވާ ރެސްޓޯރަންޓަކަށް އޯޑަރު ދީގެން ގެއަށް ކާއެއްޗެހި ގެންދިއުމަކީ ދިރިއުޅުމަށް އައިސްފައިވާ ލުޔެކޭ ވެސް ބުނެވިދާނެ އެވެ.
އެކަމަކު މިގޮތަށް ގެންދާ ކާއެއްޗެހީގެ ސާފު ތާހިރުކަމާއި އަދި މިއާ ގުޅިފައި ހުރި އެހެން ކަންކަމާ ދޭތެރޭ ވިސްނައިލެވެނީ ކިހާ ވަރަކަށް ބާވަ އެވެ؟ އިންޑިއާގައި ހޯމަ ދުވަހު ހިނގި ހާދިސާއަކަށް ބަލާ އިރު މިއީ ތަނަކުން ކާ އެއްޗެހި އޯޑަރުކޮށްގެން ގެއުންދިއުމާ ދޭތެރޭ ޔަގީނުން ވެސް ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު ވާނެ ކަހަލަ ކަމަކަށް ވާނެ އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވިޑިއޯއެއްގައި ފެންނަނީ އިންޑިއާގެ މަޝްހޫރު ޒޮމާޓޯ ރެސްޓޯރަންޓް ޗެއިނުގެ ޑެލިވަރީކުރާ މީހަކު ކަސްޓަމަރެއްގެ ކާއެތިކޮޅު "ލޫޓްވައިލާ" ތަނެވެ.
މަތިން ނަގާފައިވާ ވީޑިއޯގައި ފެންނަނީ ޑެލިވަރީ މީހާ މަގެއްގެ އެއްފަރާތުގައި ސައިކަލް ޕާކްކޮށްލައިގެން ވަރަށް ހަމަޖެހިލައިގެން އިނދެ ފަހަރަކު ތަށްޓައް ނަގައިގެން މަތި ހުޅުވާލައިގެން ކާލާ ތަނެވެ. އަދި ތަށި ހުޅުވިކަން ނޭނގޭނެހެން ހެދުމަށްޓަކައި ކާލައިފައި ސަމުސަލުން ތަށީގެ ތެރެ އެއްވަރުކޮށްލަ އެވެ.
ދެން ފެންނަނީ ކައި ނިންމާލައިފައި ތަށިތައް އަޅާފައި ހުންނަ ޕެކްގައި އަލުން ޓޭޕް އަޅައި ބަންދުކޮށްލާ ތަނެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ވަރަށް ގިނަ ބަޔަކު ވަނީ ޒޮމާޓޯ އަށް ބަވައިފަ އެވެ. އަދި މި ވަރުގެ ތަންތަނުން ހިދުމަތް ހޯދަން ހެޔޮ ނުވާނެ ކަމަށް ބުނެ އެތައް ބަޔަކު ޓްވީޓް ވެސް ކޮށްފައިވެ އެވެ.
މި މައްސަލަ ހޫނުވުމުން ޒޮމާޓޯ އިން ވަނީ މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ.
އެތަނުން ބުނީ ކާއެއްޗެހީގެ ސާފު ތާހިރުކަމާއި ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ކާއެއްޗެހި ބަންދު ކުރުމަށް މިހާރު ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން ޑެލިވަރީ ކުރާ އެއްޗެހި ބަންދު ކުރާ އިރު، އެ އެއްޗެއް ދާން ޖެހޭ ތަނަކަށް ފޯރުމުގެ ކުރިން ކަނޑާލައިފި ނަމަ އެކަން އެނގޭ ކަހަލަ ގޮތަކަށް އެއްޗެހި ޕެކް ކުރަން ދެން ވަރަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ޒޮމާޓޯ އިން ބުންޏެވެ.