11 ޑިސެމްބަރ 2018 - 15:37

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފުގެ ދައުރެއް ނޯންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި ޕްރައިމަރީގެ ކަންތައްތައް ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި އަފްޝަން ލަތީފު ވިދާޅުވީ އިންތިޚާބުގެ ކަންކަން ހަމަޖެއްސުމުގައި ޕްރައިމަރީގައި ވާދަކުރާ އެއްވެސް ބޭފުޅެއްގެ ދައުރެއް ނޯންނާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރަމުން އަންނަނީ ވަކި ކޮމެޓީތަކަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މި ވަގުތު އެ ޕާޓީގެ އޮފީހުން ދުރަށް ވަޑައިގެންނެވުމަށް އިބްރާހިމް އިސްމާއިލް (އިބްރާ) ގޮވާލައްވާފައި ވަނިކޮށެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ "ލައްކަ ދުވަހު ޑިމޮކްރަސީއޭ ކީއްޖެ" ކަމަށެވެ. އަދި އަމަލީ ގޮތުން ނަމޫނާ ދެއްކެވުމަށްޓަކައި ޕްރައިމަރީގައި ވާދަކުރައްވާނަމަ، އެކަން ނިމެންދެން ޕާޓީ އޮފީހުން ދުރަށް ވަޑައިގަތުމަށް ގޮވާލައްވާފައި ވެ އެވެ.
އެ ދެ ބޭފުޅުން ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެ އެވެ. މިފަހަރު އަލަށް އުފެއްދި މައްޗަންގޯޅީ މެދު ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. ހަސަން ކުރިމަތިލައްވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.
"ޕްރައިމަރީގައި ވާދަކުރާ އެއްވެސް ބޭފުޅެއްގެ ބަައިވެރިވުމެއް ނޯންނާނެ، ޕްރައިމަރީ އިންތިޚާބުގެ އިންތިޒާމުތަކާއި އަދި އެހެނިހެން އެއްވެސް މަސައްކަތެއްގައި. ވަރަށް ޓްރާންސްޕޭރަންޓްކޮށް އެކަން ކުރަމުން އަންނަނީ،" އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީގެ އިދާރީ މަސައްކަތްތައް ކުރަމުން އަންނަނީ ޕާޓީ އޮފީހުގެ ގްރައުންޑް ފްލޯގައި ކަމަށެވެ. ނަމަވެސް ޕާޓީއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ނަޝީދާއި ހަސަން އޮފީހަށް ވަޑައިގަންނަވާ ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕްރައިމަރީގެ އިދާރީ މަސައްކަތްތައް ކުރަނީ އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމެޓީންނެވެ. ޕާޓީއަށް މެމްބަރުން ވެއްދުމާއި ވަކިކުރުން ފަދަ މަސައްކަތްތައް ކުރަމުން އަންނަނީ މެމްބަޝިޕް ކޮމެޓީން ކަމަށް އަފްޝަން ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެ ޕްރައިމަރީގައި އެމްޑީޕީގެ ލީޑަޝިޕުގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ވާދަކުރުމަށް ވަނީ ނިންމަވައިފަ އެވެ.