ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކާތިކް އާރިޔަން އާއި ކިރިތީ ސެނަން ލީޑް ރޯލް ކުޅެފައިވާ ފިލްމު "ލުއްކާ ޗުއްޕީ" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހު އެވެ. މި ފިލްމަކީ ލަކްޝަމް އުޓޭކަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ލުއްކާ ޗުއްޕީ" ވެގެން ދާނީ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާއި ކިރިތީގެ ޖޯޑު ސްކްރީނުން އެކީގައި ފެނިގެން ދާނެ ފުރަތަމަ ފިލްމަަށެވެ. މި ރޮމޭންޓިކް ކޮމެޑީގައި ދެ މީހުން ފެނިގެން ދާނީ މީޑިއާއެއްގައި މަސައްކަތް ކުރާ ދެ ރިޕޯޓަރުންގެ ރޯލުންނެވެ.

"ލުއްކާ ޗުއްޕީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަޕަރްޝަކްތީ ކުރާނާ، ވިނޭ ޕަތަކް އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

މި މަހުގެ 21 ގައި ރިލީޒް ކުރާ ފިލްމު "ޒީރޯ" ގައި ކެޓްރީނާ ކެއިފް ފެނިގެން ދާނެ ލަވަތަކުގެ ތެރެއިން "ހުސްނު ޕަރްޗަމް" ގެ ޓީޒާކޮޅެއް ދައްކާލައިފި އެވެ.

އޭގައި އޭނާ ފެންނަނީ ވަރަށް ވެސް ތަފާތު ލުކަކާ އެކު، ވަރަށް ގްލެމަރަސްކޮށެވެ. "ހުސްނު ޕަރުޗަމް" ވެގެން ދާނީ އަނެއްކާވެސް ކެޓްރީނާގެ ފަރި ހަރަކާތްތައް ފެނިގެން ދާނެ ފޯރި ގަދަ ރީތި ލަވައަކަށެވެ. "ޒީރޯ" ގައި އޭނާ ކުޅެފައި ވަނީ ވަރަށް ބޮޑާ އަދި ފޮނި ފިލްމީ ބަތަލާއެއްގެ ރޯލެވެ. އެއީ ބަބީތާ އެވެ.

ޝާހްރުކް ހާން ޑްވާފެއްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ އަނެއް ބަތަލާއަކީ އަނުޝްކާ ޝަރުމާ އެވެ. "ޒީރޯ" ގެ ޑައިރެކްޓަރަކީ އާނަންދު އެލް ރާއީ އެވެ.

"ހުސްނު ޕަރުޗަމް" ބެލުންތެރިންނަށް ދޫކޮށްލާ އިރު، މި ފިލްމުގެ އިތުރު ދެ ލަވައެއް ކުރިން ވަނީ ދައްކާލައިފަ އެވެ. އެއީ "މޭރާ ނާމް ތޫ" އާއި "އިސަގްބާޒް" އެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމު "ފްރޯޑް ސައްޔާން" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ސޯރަބް ޝްރިވަސްތާވް ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ. ފިލްމުގެ ލީޑް ކާސްޓުންނަކީ އަރުޝަދު ވަރުސީ، ސާރޯ ލޯރެން އަދި ސޯރަބް ޝުކްލާ އެވެ. އަރުޝަދު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒް ކުރި ސަނީ ޑިއޯލް އާއި ޕްރިތީ ޒިންތާގެ ފްލޮޕް ފިލްމު "ސުޕަހިޓް" އިންނެވެ.

"ހައުސްފުލް 3" އާއި "މޭ ތޭރާ ހީރޯ" އަދި "އަޒުހަރު" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ނަރްގިސް ފަހްރީގެ ބިރުވެރި ފިލްމު "އަމާވަސް" ގެ ލަވައެއް ދައްކާލައިިފި އެވެ.

އަންނަ މަހުގެ 11 ގެ ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުން ފުރަތަމަ ދައްކައިލި ލަވައަކީ "ޖަބް ސެ މެރާ ދިލް" އެވެ. މި ލަވަ ކިޔާފައި ވަނީ ޒުވާން ދެ ލަވަކިޔުންތެރިން ކަމަށްވާ އަރުމާން މާލިކާއި ޕަލަކް މުއްޗަލް އެވެ.

ބުޝަން ޕަޓޭލް ޑައިރެކްޓްކޮށްފައިވާ "އަމާވަސް" ގެ ބަތަލަކީ ސަޗިން ޖޯޝީ އެވެ.

މި ފިލްމްވެގެން ދާނީ 2015 ގައި ރިލީޒް ކުރި ބިރުވެރި ފިލްމު "އެލޯން" އަށް ފަހު ބުޝަން ގެނެސްދޭ ފުރަތަމަ ފިލްމަށެވެ. އޭނާ ބޮޑަށް ފާހަގަ ކުރެވެނީ ވެސް ބިރުވެރި ފިލްމުތައް ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

އޭގެ ތެރޭގައި "ރާގިނީ އެމްއެމްއެސް 2" އާއި "1920: އީވިލް ރިޓާންސް" ފާހަގަކޮށްލެވެ އެވެ.