11 ޑިސެމްބަރ 2018 - 14:06

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ދިރިއުޅުމުގެ ކަންތައްތައް މިހާރަށް ވުރެ ރަނގަޅުކޮށްދޭން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް-އިންޑިއާ ކޮންސިއުލާ ޓޯކްސް"ގެ ނަމުގައި ދެ ގައުމުން ކުރިއަށް ގެންދާ ވާހަކަތަކުގެ ދެވަނަ ބުރު ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއާ މީހުންގެ ޝަކުވާތައް އަޑުއައްސަވައި އެކަންތައް ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިތަނުގައި ދިރިއުޅެ، އަޅުގަނޑުމެންގެ ދިރިއުޅުމާއި އިގުތިސާދާއި ތަރައްގީގައި ބައިވެރިވާ އެތައް ހާސް އިންޑިއާ މީހުންގެ ދިރިއުޅުން ރަނގަޅުކުރަން މަސައްކަތްކުރަން މިތިބީ ތައްޔާރަށް. އަޅުގަނޑުމެން މިތިބީ ކަންބޮޑުވުންތައް އަޑު އަހައި، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދަން ކަމާ ބެހޭ ފަރާތްތަކާ އެކުގައި މަސައްކަތްކުރަން،" ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއި ހައި ކޮމިޝަނުގެ އިސް އެހެން ބޭފުޅުން ބައިބެރިވަޑައިގެންނެވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވި އެވެ.
ކޮންސިއުލާ ޓޯކްސްގެ ނަމުގައި ބާއްވާ މި މަޝްވަރާތަކުގެ ބޭނުމަކީ އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އެކި ބޭނުންތަކުގައި އެއްގައުމުގެ މީހުން އަނެއް ގައުމުގައި ދިރިއުޅޭ އިރު ކުރިމަތިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދުމެވެ.
ޝާހިދު އަދި ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހީނަރުވި ދުވަސްތަކެއް އައި ނަމަވެސް މިހާރު މި ވަދެވެނީ އެ ގުޅުމުގެ އާ ޒަމާނަކަށް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އަދި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނަށް ވެސް ކުރިން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިއަދު ފެށި ވާހަކަތައް މި ބޭއްވެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އެއް ހަފުތާ ކުރިން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އާއި އިންޑިއާގެ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވަމުންނެވެ. އެމަނިކުފާނު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވަޑައިގެންނެވިއިރު، އާ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު ރަސްމީ ދަތުރެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާ އަށެވެ.