"މޮޑަން ފެމިލީ" ގެ ބަތަލާ ސާރާ ހައިލަންޑް އަނެއްކާވެސް ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފި
"މޮޑަން ފެމިލީ" ގެ ބަތަލާ ސާރާ ހައިލަންޑް އަނެއްކާވެސް ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު އޭބީސީން ނިންމައިލި މަގުބޫލު ޓީވީ ސިލްސިލާ "މޮޑަން ފެމިލީ" ގެ ބަތަލާ ސާރާ ހައިލަންޑް ކިޑްނީ ބަދަލު ކުރުމުގެ ދެވަނަ އޮޕަރޭޝަނެއް ކޮށްފި އެވެ.

"މޮޑަން ފެމިލީ" ގައި ހޭލީ ޑަމްފީގެ ކެރެކްޓާ ކުޅުނު 28 އަހަރުގެ ބަތަލާ ސެލްފް މެގެޒިން އަށް ބުނި ގޮތުގައި އޭނާ އަށް މި ފަހަރު ކިޑްނީ ހަދިޔާ ކުރީ ފިރިހެން ކޮއްކޮ އެވެ.

ސާރާގެ އުމުރުން 21 އަހަރުގައި ފުރަތަމަ ފަހަރު ކިޑްނީ ހަދިޔާ ކުރީ ބައްޕަ އެވެ. އެކަމަކު މީގެ ދެ އަހަރު ކުރިން ފެށިގެން އެ ކިޑްނީގައި ވަނީ މައްސަލަތައް ޖެހެން ފަށައިފަ އެވެ. އެހެންވެ ކޮއްކޮ ހަދިޔާ ކުރި ކިޑްނީއާ އެކު އަލުން ޓްރާންސްޕްލާންޓެއް ހެދީ އެވެ.

ސާރާ ބުނީ އަބަދުވެސް އުޅެން ޖެހިފައި ވަނީ ސިއްހީ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި ކިޑްނީ ފެއިލްވުމަކީ ވަރަށް ވެސް ހިތްދަތި ތަޖުރިބާއެއް ކަމަށެވެ. ނަމަވެސް ދިރިހުރުމުގެ ދެވަނަ ފުރުސަތެއް ހޯދައި ދޭން އާއިލާ އިން މިހާތަނަށް ވެދިން އެހީ އަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.

"ކިޑްނީ ފެއިލްވުމަކީ ވަރަށް އަސަރު ކުރާ ހިތްދަތި ކަމެއް. އަހަރެން ވަރަށް ގިނަ ދުވަހު އަމިއްލަ އަށް މަރުވާން ވެސް ވިސްނިން،" ސާރާ ބުންޏެވެ. "އަހަރެންގެ ސިއްހަތާ ހެދި އާއިލާ އަށް ވެސް ހަގީގަތުގައި ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވޭ. އެކަމަކު އާއިލާ އިން ދޭ ސަޕޯޓާއި އެހީއަށްޓަކައި އުފާވޭ މިހާރު."

ސާރާ ވަނީ އޭނާ ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް އިންސްޓަގްރާމްގައި މެސެޖެއް ވެސް ޕޯސްޓްކޮށްފަ އެވެ. އޭގައި އޭނާ ބުނީ އެއްވެސް މީހަކީ އެކަނިވެރިއެއް ނޫން ކަމަށާއި އެހީވާނެ ބަޔަކު އަބަދު ވެސް ތިބޭނެ ކަމަށެވެ. އެހެންވެ ދިރިއުޅުމާ ދޭތެރޭ މާޔޫސް ވާން ނުޖެހޭ ކަމަށް ބުންޏެވެ.

ސާރާ ބުނި ގޮތުގައި އޭނާއަކީ އުފަންވީއްސުރެ ވެސް ސިއްހީ ގިނަ މައްސަލަތަކެއް ހުރި މީހެކެވެ. އެގޮތުން އޭނާ އަށް ރަހިމުގެ ޓިޝޫތަކަށް ދިމާވާ ސިއްހީ މައްސަލައެއް ކަމަށްވާ އެންޑޮމިޓްރިއޯސިސް ވެސް ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށް ބުންޏެވެ.