11 ޑިސެމްބަރ 2018 - 13:28

ކޮލަމްބޯ (ޑިސެމްބަރު 11) - ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަ ހައްލު ކުރަން އަންނަ ހުކުރު ދުވަހާ ހަމައަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މުހުލަތު ދެއްވައިފި އެވެ.
މިދިޔަ އޮކްޓޯބަރު މަހު މަގާމުން ދުރުކުރި ރަނިލް ވިދާޅުވީ މައްސަލަ ހައްލު ނުކޮށްފި ނަމަ ތާއީދު އޮތް މިންވަރު ދައްކާލަން ކޮލަމްބޯ އަށް މީހުން އެއްކުރާނެ ކަމަށެވެ. ރަނިލް ވިދާޅުވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު އަދިވެސް އޮތީ އޭނާ އަށް ކަމަށެވެ.
ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ބަލަން ޕާލަމެންޓުން ވަނީ ދެ ފަހަރެއްގެ މަތިން ވޯޓު ނަގައިފަ އެވެ. އެ ދެ ފަހަރު ވެސް ވަނީ ރާޖަޕަކްސާ އަށް ތާއީދު ނުލިބިފަ އެވެ.
ބޮޑު ވަޒީރު މަގާމުން ދުރުކުރުމަށް ފަހު ޕާލަމެންޓް އުވާލީ ސައްހަ ގޮތުގައިތޯ ސުޕްރީމް ކޯޓުން މި ހަފުތާގައި ނިންމާނެ ކަމަށް ބެލެވެ އެވެ.
"ކޯޓުގެ ހުކުމަށް ފަހު "ރައްޔިތުންގެ ބާރުގެ" ކެމްޕޭން ފަށާނަން. އެ ކެމްޕޭނުން މައްސަލަ ހައްލު ކުރާނަން،" ރަނިލް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޕާލަމެންޓުން މިހާރު ވަނީ ބޮޑު ވަޒީރުގެ އޮފީހުން އެއްވެސް ޚަރަދެއް ކުރުން ހުއްޓުވައިފަ އެވެ. އަދި ރާޖަޕަކްސާގެ ކެބިނެޓުގެ މިނިސްޓަރުންނަށް މުސާރަ ދިނުން ވެސް މިހާރު ވަނީ ހުއްޓުވައިފަ އެވެ.
ރަނިލް މިދިޔަ ހަފުތާގައި ވަނީ ސިރިސޭނާ އަކީ ހިޓްލަރާ އެއް ދަރަޖައިގެ މީހެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ސިރިސޭނާ ވަނީ ބޮޑު ވަޒީރު ކަމަށް ރަނިލް ދެން ގެންނާނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.