11 ޑިސެމްބަރ 2018 - 13:13

ނިއު ދިއްލީ (ޑިސެމްބަރު 11) - އިންޑިޔާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިޔާގެ ގަވަރުނަރުގެ އިސްތިއުފާއާ އެކު އިންޑިޔާ ރުޕީސްގެ އަގު ވަރަށް ބޮޑަށް ދަށަށް ވެއްޓިއްޖެ އެވެ.
އިންޑިޔާގެ ފައިސާގެ އަގުވަނީ 1.2 ޕަސެންޓް ދަށަށް ވެއްޓިފަ އެވެ. އިންޑީޔާ ރުޕީސްގެ އަގު ކުއްލިއަކަށް ދަށަށް ގޮސްފައިވަނީ މަރުކަޒީ ބޭންކްގެ ގަވަރުނަރު އުރްޖިތު ޕަޓޭލް އިއްޔެ އިސްތިއުފާދިނުމާ ގުޅިގެންނެވެ. ތިން އަހަރުގެ ދައުރުގެ މެދު ތެރެއިން ގަވަރުނަރު އިސްތިއުފާދިނީ އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އިންޑިއާ ރުޕީސް މިއަދު މާރުކޮށްފައި ވަނީ ޑޮލަރަކަށް 71.90 ގެ ރޭޓުގަ އެވެ.
އެނަލިސްޓުން ބުނާ ގޮތުގައި ޕަޓޭލް އިސްތިއުފާ ދިނުމާ ގުޅިގެން އިންވެސްޓަރުން އެ ގައުމަށް އައުމަށް ޖެހިލުންވާނެ ކަމަށެވެ. މިކަމުގެ ސަބަބުން އިންޑިޔާގެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ އެވެ.
ޕަޓޭލް އިސްތިއުފާދީފައިވަނީ އިންޑިޔާގެ ސެންޓްރަލް ބޭންކުގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ، ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
"ޕަޓޭލްގެ އިސްތިއުފާ އަކީ ސަރުކާރުން ސެންޓްރަލް ބޭންކަށް ނުފޫޒު ފޯރުވާތީ އެކަމަށް ކުރި އިހްތިޖާޖެއް،" އޮކްސްފޯޑް އިކޮނޮމިކްސްގެ ހެޑް އޮފް އިންޑިޔާ އެންޑް ސައުތުއީސްޓް އޭޝިއާ، ޕްރިޔަންކާ ކިޝޯރު ވިދާޅުވި އެވެ.
އިންޑީޔާގެ މަރުކަޒީ ބޭންކަށް އޮންނަ އިތުބާރު ގެއްލެމުންދާތީ މިކަމުން މުޅި ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑީޔާ ރުޕީސް އަކީ މި އަހަރު މުޅި އޭޝިއާގައި ވެސް އެންމެ ގޯސް ހާލަތުގައި އޮތް ފައިސާ އެވެ. ސިޔާސީ ނުފޫޒު އެ ގައުމުގެ މާލީ ސިޔާސަތުތަކަށް އަންނަމުންދާތީ މަރުކަޒީ ބޭންކަށް އިންވެސްޓަރުންގެ އިތުބާރު ދަނީ ގެއްލެވުންނެވެ.
އިންޑިޔާގެ ގަވަރުނަރު އިސްތިއުފާދީފައިވާ އިރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިކޮނޮމިކް އެޑްވައިޒަރީ ކައުންސިލްގައި ހިމެނޭ އިކޮނޮމިސްޓް ސުރްޖިތް ބާއްލާ ވެސް ވަނީ މިއަދު އިސްތިއުފާދީފަ އެވެ.