18 އޯގަސްޓް 2016 - 10:43

މެންޗެސްޓާ (އޮގަސްޓް 18) - ބާސެލޯނާގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ލިބިއްޖެނަމަ މެންޗެސްޓާ ސިޓީން އެ ޓީމުގެ ކީޕަރު ޖޯ ހާޓް ވިއްކާލަން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އާ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ހާޓަށް ފުރުސަތު ނުދެ އެވެ. ގާޑިއޯލާ ބުނީ ހާޓަށް ފުރުސަތު ނުގެއްލޭ ކަމަށާއި އެހެން ނަމަވެސް މި ވަގުތު ޓީމަށް އެންމެ ރަނގަޅު ނިންމުމަކީ ވީލީ ކަބަލޭރޯ ލައިގެން ކުޅުން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ސިޓީން ވަނީ އުމުރުން 33 އަހަރުގެ ބްރާވޯ ގަންނަން 20 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އަދި ބްރާވޯ ލިބިއްޖެނަމަ ހާޓް ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާ އިން ވެސް މި ސީޒަނުގައި ބޮޑަށް ފުރުސަތުދޭން ވިސްނަނީ ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށެވެ. އެހެން ކަމުން ބްރާވޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނީ މަދު މެޗެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ކޯޗު ސޭމް އެލަޑައިސްގެ ޓީމުން ޖާގަ ޔަގީންކުރަން ހާޓް ގަވައިދުން ކުޅެން ޖެހެ އެވެ. ސިޓީގައި ހާޓް އަށް ގަވައިދުން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ އޭނާ އެ ކްލަބް ދޫކޮށްލަން ތައްޔާރަށް ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސިޓީ އަށް 2006 ވަނަ އަހަރު ކުޅެން ފެށި ފަހުން އުމުރުން 29 އަހަރުގެ ހާޓް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ތިން ކްލަަބަކަށް ކުޅެފަ އެވެ. ސިޓީގެ ފުރަތަމަ އެގާރައިން ހާޓް އަށް ގަވައިދުން ޖާގަ ލިބެން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ.
ހާޓް ހޯދުމަށް އިނގިރޭސި ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އެވަޓަން އާއި ލިވަޕޫލް އަދި ވެސްޓް ހޭމް ޔުނައިޓެޑް ހިމެނެ އެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ހާޓް ބޭނުންވަނީ އެހެން ލީގަކަށް ބަދަލުވުމަށެވެ.