11 ޑިސެމްބަރ 2018 - 11:52

އާސަންދަ އަށް މި އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 610 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ބަޖެޓުގައި އާސަންދަ އަށް ހޭދަކުރުމަށް 730 މިލިއަން ކަނޑައަޅާފައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެހެން ކަމުން މިއީ 610 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ އިތުރުން ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް އެކި ފަރާތްތަކަށް ސަބްސިޑީ ވެސް ސަރުކާރުން ވަނީ ދީފަ އެވެ. އެގޮތުން ބަޖެޓުގައި ހިމަނާފައިވާ އަދަދަށް ވުރެ 329 މިލިއަން ރުފިޔާ އިތުރެވެ. މި އަހަރުގެ ބަޖެޓުގައި 594 މިލިއަން ސަބްސިޑީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އިރު 923 މިލިއަން ރުފިޔާ ސަރުކާރުން މިހާރު ވަނީ ހޭދަކޮށްފަ އެވެ. ޓްރެއިނިން ހަރަދުގެ ގޮތުގައި ބަޖެޓުގައި 293 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު މިއަހަރުގެ މިހާތަނަށް 435 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ 142 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި ހަރަދުތަކާ އެކު ސަރުކާރުގެ އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ރިކަރެންޓް ހަރަދަށެވެ. އެގޮތުން ސަރުކާރު ހިންގުމަށް މި އަހަރުގެ މިހާތަނަށް 16 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް މިހާރު ވަނީ ހަރަދު ކުރެވިފަ އެވެ. އެގޮތުން 26.8 މިލިއަން ސަރުކާރުން ވަނީ އިތުރަށް ހަރަދުކޮށްފަ އެވެ.
މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ސަރުކާރުން މިހާތަނަށް 8.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ނުވަ ބިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ކެޕިޓަލް ހަރަދުގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މަގުތަކާއި އެއާޕޯޓްތަކުގެ މަޝްރޫއުތަކަށެވެ. އެގޮތުން އެ މަޝްރޫއުތަކަށް 2.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.