11 ޑިސެމްބަރ 2018 - 11:27

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ނުނިމުނަސް އެ ކަންކަމާ ގުޅޭ މީހުންގެ ކަންކަން މަޑުޖައްސާލައިގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެ ކޮމިޝަނަށް ބާރު ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ މަރުހަލާގައި އޮތް ބިލް ގާނޫނަކަށް ވެއްޖެ ނަމަ ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލަށް ގާނޫނީ ގޮތުން ދީފައިވާ ބާރުތަކެއް ނިގުޅައި ގަނެވޭނެ ކަމަށެވެ. އަދި އެ ބިލް، ގާނޫނުއަސާސީއާ ޚިލާފުވާ ކަމުގެ ކަންބޮޑުވުންތަކެއް ވެސް އޭނާ ފާޅުކުރެއްވި އެވެ.

ނަމަވެސް، ޖަމީލް ވިދާޅުވިގޮތުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މީހުން ގާނޫނުގެ ކުރިމައްޗަށް އަވަހަށް ގެންނަން ޖެހޭނެ އެވެ.
އެ ޓުވީޓާ ގުޅޭގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، އެ ކަންބޮޑުވުންތައް ކަމާ ގުޅޭ ބޭފުޅުންނާ ވަކިވަކިން ހިއްސާ ކުރައްވާފައި ވާނެ ކަމަށެވެ.
"އަޅުގަނޑު ނަން ހާމަ ނުކުރިޔަސް ކަމާ ގުޅޭ އެންމެހާ ބޭފުޅުންނާ ވެސް މި ކަންބޮޑުވުންތަކާ މެދު ވާހަކަ ދައްކައިފިން،" އޭނާ ވިދާޅުވި އެވެ.
ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި، ދެ ކޮމިޝަނަށް ބާރުދޭ ބިލްގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ނުނިމި ލަސްވުމަކީ، ތުހުމަތު ކުރެވޭ މީހުންގެ މައްސަލަަތައް ލަސްވުމެއް ނޫނެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ފެށުން ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެ މައްސަލަތައް ބަލަން ނުފަށައި ލަސްކުރާ ކޮންމެ ދުވަހަކީ ހެކި ފޮރުވަން ލިބޭ ފުރުސަތެއް. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ބަންދު ކުރެވޭ ފަަދަ ގާނޫނީ ރަނގަޅު ހުއްޖަތްތައް މިހާރު ވެސް އެބަހުރި. ގާނޫނެއް ނެތިގެން އެކަން ލަސްވާން ޖެހޭ ސަބަބެއް ނެތް. އެންޓި ކޮރަޕްޝަން ގާނޫނާއި ފުލުހުންގެ ގާނޫނުން ވެސް އެ ބާރު ލިބިދޭ،" ޖަމީލް ވިދާޅުވި އެވެ.
"ތުހުމަތު ކުރެވޭ މީހުން ދޫވެފައި ތިބީމާ، މައްސަލަތައް ބަލަން ފަހުން އުނދަގޫވާނެ."
ޖަމީލްގެ އަނެއް ކަންބޮޑުވުމަކީ ދެ ކޮމިޝަނަށް ބާރުދޭ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ގާނޫނީ ބައެއް ބާރުތައް ދީފައިވާ މުއައްސަސާތަކުގެ މައްޗަށް އެ ކޮމިޝަންތައް އިސްވުމެވެ. އެގޮތުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ގާނޫނުން މަތިކޮށްފައިވާ ބައެއް މަސްއޫލިއްޔަތު އޭރުން ކޮމިޝަނަށް ބަދަލުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވުމުން އެކަން ތަހުގީގު ކުރަން ހޯމް މިނިސްޓަރަށް އަމުރު ކުރެވޭނެ ފުލުހުންނަށް. ވަރަށް ތަފުސީލުކޮށް އެބަ އޮތް ފުލުހުންގެ ގާނޫނެއް. އެހެން އެކަން އޮއްވައި ހޯމް މިނިސްޓަރަށް ވުރެ މަތިން ފުލުހުންނަށް އަމުރު ކުރުމުގެ ބާރު އެބަ ލިބޭ މި ބިލުން ކޮމިޝަންތަކަށް،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަކި ތާރީޚަކުން ފެށިގެން ހިންގާފައިވާ ކަންކަން ބެލުމަކީ ވެސް މައްސަލައެއް ކަމަށެވެ. އެހެންވެ، އެންމެ އިންސާފުވެރި އަދި ރައްޔިތުންނަށް ބަލައިގަނެވޭނެ ގޮތަކީ ވަކި ތާރީޚެއް ބަޔާން ނުކޮށް، ކޮމިޝަނުން މައްސަލަތައް ބަލަން ފެށުން ކަމަށް ވިދާޅުވި އެވެ.
"ކީއްވެގެންތޯ ވަކި ތާރީޚަކުން ވަކި ތާރީޚަކަށް ހުރި މައްސަލަތައް ބަލަންވީ؟ ގާނޫނީ ގޮތުން ބަލަން ޖެހޭނެ ކޮންމެ އިރެއްގައި ކޮށްފައި އޮތަސް ކުށެއް ކޮށްފައި އޮވެއްޖިއްޔާ. ނިމިދިޔަ ސަރުކާރުން ކޮށްފައި އޮތް ކަންތައްތައް ވެސް މިހާރު ކަމެއް ހިނގިޔަސް،" ޖަމީލް ވިދާޅުވި އެވެ.