18 އޯގަސްޓް 2016 - 09:36

ބާސެލޯނާ (އޮގަސްޓް 18) - އާޑާ ޓުރާންގެ ދެ ލަނޑާ އެކު ސެވިއްޔާ 3-0 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕުގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފި އެވެ.
ދެ ލެގަށް ކުޅުނު މި މެޗުން ބާސެލޯނާ ކުރި ހޯދީ ދެ ލެގުގެ އެގްރިގޭޓުން 5-0 އިންނެވެ. ސެވިއްޔާގެ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ 2-0 އިންނެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ޓުރާން ޖެހި ލިއޮނަލް މެސީ ދިން ޕާހަކުންނެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ބާސެލޯނާގެ ސެމުއަލް އުމްޓިޓީ ބޯޅައިގައި އަތްލުމުން ސެވިއްޔާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ބާސެލޯނާގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އެ ޕެނަލްޓީ މަތަކުރި އެވެ.
ބާސެލޯނާގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޖެހީ، ތުރުކީ ގައުމީ ޓީމުގެ ކެޕްޓަން ޓުރާން އެވެ. އަދި ތިން ވަނަ ލަނޑު 55 ވަނަ މިނެޓުގައި ޖެހީ މެސީ އެވެ.
މިއީ 2013 ވަނަ އަހަރުގެ ފަހުން ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސްޕެނިޝް ސީޒަން ހުޅުވަން ކުޅޭ މި މެޗުން ފުރުސަތު ދެނީ ލީގު ޗެމްޕިއަނުންނާއި ކަޕް ޗެމްޕިއަނުންނަށެވެ. ބާސެލޯނާ އިން ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާއިރު ސެވިއްޔާ އަށް ފުރުސަތު ލިބުނީ ކަޕުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ.