އާ ސަރުކާރުން ދައުލަތުގެ މާލީ ހާލަތު އާންމުކުރަން ފަށައިފި
އާ ސަރުކާރުން ދައުލަތުގެ މާލީ ހާލަތު އާންމުކުރަން ފަށައިފި

އާ ސަރުކާރުން ފުރަތަމަ ފަހަރަށް ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ރިޕޯޓް އާންމުކުރަން މިއަދު ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުން މިއަދާ ހަމައަށް މި އަހަރުގެ އާމްދަނީގެ ގޮތުގައި ސަރުކާރަށް 19.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއީ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަށް 2 ބިލިއަން ރުފިޔާ މަދު މިންވަރެކެވެ.

ދައުލަތުން މި އަހަރުގެ މިހާތަނަށް ކުރި ހޭދަ އުޅެނީ 23.1 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން ޑެފިސިޓް 3 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ޓެކްސްގެ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.4 ބިލިއަން ރުފިޔާ އެވެ. ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 16.3 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 733.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމެނި ނަމަވެސް އަހަރުގެ މިހާތަނަށް ލިބުނީ 307.7 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 1.2 ބިލިއަން ރުފިޔާ ވަނީ ޓްރާންސްފާކޮށްފަ އެވެ.

ދައުލަތުގެ މާލީ ހާލަތު ކޮންމެ ހަފްތާޔަކު ހާމަކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނުކުރައްވައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު މާލީ ރިޕޯޓް އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ މާލީ ހާލަތު މިއަދު ހާމަކުރީ އިއްޔެ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލީ ހާލަތު ކޮންމެ ހަފްތާއަކު އެއް ފަހަރު ގެންދިޔައީ ހާމަކުރަމުންނެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.