އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި
އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި

ނިއު ދިއްލީ (ޑިސެމްބަރު 10) - "އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް" ވިދާޅުވެ އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރްނަރު އުރްޖީތު ޕަޓޭލް ކުއްލި ގޮތަކަށް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނާ ދުވަސްވަރެއްގަ އެވެ. ފަސް އަހަރުގެ ދައުރެއްގެ މެދުތެރެއިން ގަވަރްނަރަކު އިސްތިއުފާ ދެއްވުމަކީ ވަރަށް ނާދިރު ކަމެކެވެ. ތަޖްރިބާކާރުން ބުނަނީ ގަވަރްނަރުގެ އިސްތިއުފާއާ ގުޅިގެން އިގްތިސާދަށް އޮތް އިތުބާރު ކުޑަވެ ފައިސާގެ އަގު އިތުރަށް ވެއްޓޭނެ ކަމަށެވެ.

ޕަޓޭލް ނެރުއްވި ބަޔާނެއްގައި ވަނީ އޭނާގެ ސްޓާފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ލިބުނު ކުރިއެރުމުގެ ފަހަތުގައި ވަނީ މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ޕްރެޝަރާ ގުޅިގެން ޕާޓޭލް އިސްތިއުފާ ދެއްވަފާނެ ކަމަށް އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ބޮޑު ވަޒީރު މޯދީ އާއި މާލީ ވަޒީރު އަރުން ޖައިޓްލީ ވަނީ ޕަޓޭލްގެ މަސައްކަތަށް ތައުރީފް ކުރައްވައި ބަޔާން ނެރުއްވައިފަ އެވެ.