10 ޑިސެމްބަރ 2018 - 19:45

ސަރުކާރު ކުންފުނިތަކުން ޗެކް އެންޑޯޒް ނުކުރަން އެމްއެމްއޭއިން އެންގުމުން އެގޮތަށް އަމަލްކުރަން ފަށައިފި އެވެ.
އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތައް ހުއްޓުވާށާއި އެމްއެމްޕީއާރްސީގެ ތެރެއިން ހިނގާދިޔަ ކަންކަން ތަކުރާރު ނުވާނެ ގޮތެއް ހެއްދެވުމުގެ ގޮތުން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ޗެކް އެންޑޯޒް ނުކުރަން އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް އެގޮތަށް މިހާރު އަމަލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗެކް އެންޑޯސްކުރުމަކީ، އެހެން ފަރާތަކަށް ހަދާފައިވާ ޗެކެއް، އެ ނޫން އެހެން ބަޔަކަށް ނެގޭ ގޮތަށް ނުވަތަ އެކައުންޓަށް ޖަވާކުރެވޭ ގޮތަށް ބޭންކްތަކުން އަމަލްކުރާ އުސޫލެކެވެ.
ދައުލަތަށް 1.2 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި، އެމްއެމްޕީއާރުސީއަށް ޖަމާކުރަން ޖެހޭ ޗެކްތައް ޖަމާކޮށްފައި ވަނީ އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ.
ރާއްޖޭގައި 1995 ވަނަ އަހަރުން ފެށިގެން ޗެކް އެންޑޯޒް ކުރުން އޮންނަނީ ހުއްދަކޮށްފަ އެވެ.
ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ނަގުދު ފައިސާގެ މުއާމަލާތްތައް އިންތިހާއަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން އެނގޭ ކަމަށެވެ.
"ދިވެހި ރާއްޖެއަކީ ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ ގައުމެއް. ނަގުދު ފައިސާ ގެންގުޅުމަކީ ވަރަށް ނޯމަލް ކަމަކަށް ވަނީ ވެފައި. ޔޫއެސް ޑޮލަރަށް ވެސް ވަރަށް ބޮޑަށް ބަރޯސާވެފައި. ނަގުދު ރުފިޔާ އަދި ޑޮލަރުގެ މުއާމަލާތްތައް ވަރަށް ގިނަ،" ގަވަރުނަރު ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ނަގުދު ފައިސާ އާއި ޗެކްގެ މުއާމަލާތްތައް ހުއްޓުވަން "ކޭޝްލެސް" ނިޒާމެއްގެ ތެރެއިން ޕޭމެންޓް ދެއްކޭނެ ގޮތްތައް ގާއިމްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ތަންތަނުގައި ފައިނޭންޝަލް ޓެކްނޮލޮޖީ ބޭނުން ކުރަމުން އަންނަ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ މިފަދަ ޓެކްނޮލޮޖީތައް ރާއްޖެ ގެންނާނީ ބޭންކް އޮފް މޯލްޑިވްސް އާއި އެހެން ބޭންކުތައް ބައިވެރިކޮށްގެންނެވެ.
ރާއްޖޭގެ މާލީ ދާއިރާއަށް މިފަދަ ބަދަލުތައް 2019 ވަނަ އަހަރު ނިނުމުގެ ކުރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"ޕޭމެންޓް ސިސްޓަމް ގާއިމްކުރާއިރު ޗެކުން ފައިސާ ދައްކަން މަދުކުރުމަށް ހިތްވަރުދެން. މިހާރު ވެސް ޗެކްގެ ބަދަލުގައި ރިއަލް ޓައިމްގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާގެ މުއާމަލާތް ހިނގޭނެ ގޮތް އެމްއެމްއޭގައި ގާއިމްކުރެވިފައިވޭ،" ގަވަރުނަރު ވިދާޅުވި އެވެ.