10 ޑިސެމްބަރ 2018 - 14:35

ދައުލަތަށް ލިބެންޖެހޭ 2.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސަރުކާރުގެ އެކި އިދާރާތަކަށް އަންގައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އަނބުރާ ދައުލަތަށް ހޯދަން އެންގި 2.2 ބިލިއަން ރުފިޔާ އަކީ އެ ކޮމިޝަނުން މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ބެލި 27 މައްސަލައެއްގައި ހިމެނޭ ފައިސާ ކަމަށެވެ.
އޭގެ ތެރެއިން 1.8 ބިލިއަން ރުފިޔާ އަކީ އޭސީސީން ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފައިސާ ކަމަށް ބަޔާނުގައި ވެ އެވެ. އެކަމަކު، އެ މައްސަލަތަކުގެ ތަފްސީލެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
އޭސީސީން ބުނިގޮތުގައި ދައުލަތަށް އަނބުރާ ހޯދަން މި އަހަރު އެންގި ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 54،000ރ. އެވެ.
ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ރިޔާސީ ކޮމިޝަނެއް ހަދައި މަސައްކަތްތަކެއް ކުރި އެވެ. އެ ފައިސާ ހޯދުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލަ ވެސް ހިމެނެ އެވެ.