10 ޑިސެމްބަރ 2018 - 15:24

އަންނަ އަހަރުގެ މާޗް މަހުގައި ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މަދުވެގެން 20 ޕަސެންޓް އަންހެނުންނަށް ދިނުމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ދާއިރާއިން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު 85 މެމްބަރުން ތިބޭ ރައްޔިތުން މަޖިލީހުގައި އަންހެނުން އިންތިހާބު ވެފައި ވަނީ އެންމެ ފަސް ޕަސެންޓް ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި މަދުވެގެން 20 ޕަސެންޓް (17 ގޮނޑި) އަށް އަންހެނުން އިންތިޚާބު ކުރުމަށް މަސައްކަތްކޮށް ދެއްވުމަށް ސިޔާސީ ލީޑަރުންނަށް ސިދާތާ ގޮވާލެއްވި އެވެ.
މަޖިލީހުގެ މި ދައުރަށް އިންތިހާބުވީ އަންހެން ފަސް މެމްބަރުންނެވެ.
މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާތަކުން އަންހެނުންނަށް ފުރުސަތު ދިނުމަށް އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އާ ސަރުކާރުގެ ކެބިނެޓުގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަންނަވާއިރު މިއީ ރާއްޖޭގެ ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނައިން އަންހެނުން ތިއްބެވި ފަހަރެވެ.