10 ޑިސެމްބަރ 2018 - 13:50

ކަންމަތީ ފިހާރައެއް ހެން ރާއްޖޭގެ ޓޫރިޒަމް ހިންގުމުގެ ޒަމާން މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެން ވާހަކަ ދައްކަަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ފަޅުތަކާއި ފަރުތައް ބަހައި ހުސްކުރުމުގެ ޒަމާން ނިމިގެން ހިނގައްޖެ ކަމަށެވެ.
"ހުރިހާ ފަޅުތަކާއި ހުރިހާ ފަރުތައް ދިވެހިރާއްޖޭގައި ހިތުހުރި ގޮތަކަށް ބަހާ ހުސްކުރި ޒަމާން އެ ދިޔައީ. ކަންމަތީ ފިހާރައެއް ހެން ފަތުުރުވެރިކަމުގެ ސިނާއަތް ހިންގި ޒަމާން ﷲގެ ރަހުމަތުން މާޒީވެ އެ ދިޔައީ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ތަފުސީލުތައް ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ގެސްޓް ހައުސްތައް ޕްރޮމޯޓް ކުރަން "ގެސްޓް ހައުސް ސިމްޕޯޒިއަމް"އެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭނެއް ތައްޔާރުކުރަމުން އަންނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އަލީ ވަހީދުގެ އިތުރުން ވެސް ބައެއް ވަޒީރުން ބައިވެރިވަޑައިގެންނެވި އެވެ. ނަމަވެސް އެރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ އޭނާ އަށް އެކަންޏެވެ.
މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ އުކުޅަހަށް ރައީސް ވަޑައިގަތީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.