27 މެއި 2016 - 08:12

މަޝްހޫރު ފިލްމީ ބަތަލާ ރާނީ މުކަރުޖީ އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ ކައިވެނި ކުރި ވާހަކައަކީ ރާނީގެ ފޭނުން ވަރަށް ޝައުގުވެރިކަމާ އެކު އެހި ވާހަކައެކެވެ.
ކައިވެންޏަށް މާގިނަ ދުވަހެއް ނުވެ ރާނީ އާއި އަދިތުޔާ އަށް ވަނީ އަންހެން ދަރިއެއް ލިބިފަ އެވެ. އެ ދަރިފުޅަށް އެމީހުން ކިޔާފައިވަނީ އަދިރާ އެވެ. ވިހެއުމަށްފަހު ރާނީ ނެރުނު ބަޔާނެއްގައި އޭނާގެ ހާލު ބެލި އެންމެންނަށް ޝުކުރު އަދާކުރި ގޮތުން ވެސް ގިނަ ބަޔެއްގެ ހިތް އޭނާއަށް ލެނބުނެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ޕިންކްވިލާ ގައި ބުނެފައިވާ ގޮތުން އަދިތުޔާ ޗޯޕްރާ މިހާރު ޑައިރެކްޓްކުރަމުންދާ ފިލްމު "ބޭފިކްރޭ" އިން ރާނީ އާއި އަދިރާ ފެނިލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަދިތުޔާގެ މަންމަ ޕަމޭލާ ޗޯޕްރާގެ ޚާއްސަ ފެނިލުމެއް ވެސް މި ފިލްމުގައި ހިމެނޭ ކަމަށްވެ އެވެ. އަދި މި ޝޫޓިންތައް މިހާރު ނަގާ ނިމިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރަންވީރު ސިންގް އާއި ވާނީ ކަޕޫރު ލީޑް ރޯލު ކުޅޭ މި ފިލްމުގެ ދެ ޕޯސްޓަރު މިހާތަނަށް ރިލީޒްކޮށްފައިވާއިރު ޕޯސްޓަރަށް ބަލާލުމުން ވެސް ފިލްމު މޮޅުވާނެކަމަށް ގަބޫލުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.