10 ޑިސެމްބަރ 2018 - 13:27

ރާއްޖޭގެ ތައުލީމީ ދާއިރާގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު ހުންނެވި އިބްރާހިމް އިސްމާއިލް،، 43 އަހަރުގެ ދިގު މުއްދަތެއް ސަރުކާރުގައި ހޭދަކުރެއްވުމަށް ފަހު، ރިޓަޔަކުރައްވައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކްޓިވްގެ މަގާމުގައި ހުންނެވި އިބްރާހިމް އިސްމާއިލް އެންމެ ފަހުން ސަރުކާރުގެ ހިދުމަތުން ދުރަށް ވަޑައިގެންނެވީ އުމުރުން 69 އަހަރުގައި، މިދިއަ ނޮވެމްބަރު 1 ގަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ ތައުލީމީ ދާއިރާގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
އޮސްޓްރޭލިއާގައި ތައުލީމީ ދާއިރާ އިން ހަޔަ ޑިޕްލޮމާ ހާސިލްކުރެއްވުމަށް ފަހު 1970ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ ވަޑައިގެން ތައުލީމީ ދާއިރާގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ އަމީނިއްޔާ ސްކޫލުންނެވެ. އެގޮތުން އެ ސްކޫލުގެ ޓީޗަރަކަށް އުޅުއްވުމަށް ފަހު ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު، މަޖީދިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ވަޑައިގެންނެވި އެވެ.
އިބްރާހިމް އިސްމާޢިލް ވަނީ އެޑިއުކޭޝަން މެނޭޖްމަންޓް ދާއިރާ އިން އެމެރިކާގައި މާސްޓާސް ހައްދަވައިފަ އެވެ.
ސްކޫލްގެ ހިދުމަތުން އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާއަށް އޭނާ ގެންދެވީ 1989 ގައި، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި އިބްރާހިމް އިސްމާއިލްގެ ސަރުކާރުގެ ޚިދުމަތް ކުރިއަށް ގެންދެވީ އެ މިނިސްޓްރީގަ އެވެ. އޭނާ ވަނީ ޒާހިރުގެ އިތުރުން، މަރުހޫމް އަބްދުﷲ ހަމީދާއި ޑރ. މުހައްމަދު ލަތީފް ފަދަ ބޭފުޅުންގެ މިނިސްޓަރުކަމުގައި ވެސް ތަފާތު މަގާމުތައް ފުރުއްވައިފަ އެވެ.
މަޖީދިއްޔާ އިން ތައުލީމް ހާސިލްކުރެއްވުމަށް ފަހު އިބްރާހިމް އިސްމާއިލް ސަރުކާރަށް ވެންނެވީ 1970 ގައި، ހެލްތު މިނިސްޓްރީގެ އިނގިރޭސި ކާތިބަކަށެވެ. ދެން ބަދަލުވެވަޑައިގަތީ ޓްރޭޑް މިނިސްޓްރީގެ އިނގިރޭސި ސެކްރެޓަރީގެ މަގާމަށެވެ. އޭނާ އޮސްޓްރޭލިޔާއަށް ވަޑައިގެންނެވީ އޭގެ ފަހުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި އުޅުއްވި ނަމަވެސް އިބްރާހިމް އިސްމާއިލް ރާއްޖެ އަށް މަޝްހޫރުވެފައި އޮންނަނީ ކުޅިވަރުގެ ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ. އޭނާ އަކީ 1970ގެ އަހަރުތަކުގެ ފަހުކޮޅާއި 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ އިން ފެނުނު އެންމެ ހުނަރުވެރި މިޑްފީލްޑަރެވެ.
ރާއްޖޭގައި ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމު 1979 ގައި، ރިޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު އިރު ތާރީޚީ ކެޕްޓަނަކީ އިބްރާހިމް އިސްމާއިލެވެ.
ފުޓްބޯޅައިގެ އިތުރުން ކްރިކެޓާއި ޓެނިހުގައި ވެސް، ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ވާދަކުރައްވައި، ގިނަ ކާމިޔާބީތަކެއް ހޯއްދެވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް 2008 ގައި އޮތް އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުރައްވައި، އެ އިދާރާގެ ރައީސްގެ މަގާމަށް އިބްރާހިމް އިސްމާއިލް ވަޑައިގެންނެވި އެވެ.
ސަރުކާރުގެ ހިދުމަތުން ދުރަށް ވަޑައިގަތުމަށް ފަހު މިހާރު އޭނާގެ ވަގުތުތައް ހޭދަކުރައްވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގައި އޮންނަ ސްޕޯޓްސް ކައުންސިލްގަ އެވެ.