10 ޑިސެމްބަރ 2018 - 11:58

ސިޔާސީ ބޭނުމުގައި ހައްޔަރުކޮށްފައިވާ ކަމަށް ބުނާ 500 މީހެއްގެ މައްސަލަ، ގާނޫނީ ވަކީލް ނާޒިމް ސައްތާރު ރައީސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުން ވަނީ 1 ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ ކަންކަމާ ގުޅިގެން ބަންދުކޮށް އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ހުކުމްތައް ކޮށްފައިވާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފަ އެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ވަކީލް ނާޒިމް "މިހާރު" އަށް ވިދާޅުވީ އޭނާ ރައީސް އޮފީހަށް މިއަދު ހުށަހެޅި 500 އެއްހާ މީހުންގެ ތެރޭގައި 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު މާލޭގައި ބޭއްވި "މޭޑޭ" މުޒާހަރާގައި ހައްޔަރު ކުރި 212 މީހުންގެ މައްސަލަ ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ފެބްރުއަރީ މަހު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހައްޔަރު ކުރި 100 އެއްހާ މީހުންނާއި 2012 ވަނަ އަހަރު ގދ. ތިނަދޫން ހައްޔަރުކުރި 94 މީހުން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އިސްލާމީ މަރުކަޒުގައި ހުކުރަށް ފަހު ދުއާ ކުރި މީހުންގެ ތެރެއިން ހައްޔަރު ކުރި މައްސަލަތައް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރެއިން ގިނަ މީހުންގެ މައްސަލަތަކަކީ ދައުވާކޮށްފައި ހުރި މައްސަލަތަކެއް ނޫން. އެ މީހުންގެ ތެރޭގައި ހިމެނޭނެ ރައީސް (އިބްރާހިމް މުހައްމަދު) ސޯލިހު ވެސް. ހޯމް މިނިސްޓަރު އިމްރާން ވެސް. އަޅުގަނޑު ވެސް،" ނާޒިމް ވިދާޅުވި އެވެ. "ދުއާ ކޮށްގެން އެބަހުރި 15 ދުވަސް ބަންދަށް ޖަހާފައި. އެއީ ހަމަ އަނިޔާ. އެ މައްސަލަތައް ވެސް ވެއްޖެ ހުށަހަޅާފައި."
ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްގުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. އެކަން ބެލުމަށް "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" ވަނީ ސަރުކާރުގެ ފުރަތަމަ ދުވަހު އުފައްދަވައިފަ އެވެ.