11 ޑިސެމްބަރ 2018 - 07:38

މިދޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލި ހާދިސާ އަށް ބިނާކޮށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝޯން ޕެން ޑޮކިއުމަންޓްރީ ފިލްމެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ދެ ފަހަރަށް އޮސްކާ ހޯދާފައިވާ އެކްޓަރު ވަނީ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ތުރުކީ އަށް ޒިޔާރަތްކޮށް، އެ ގައުމުގެ ރަސްމީ ފަރާތްތަކާ ބައްދަލުކޮށް ހާދިސާއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހޯދައިފަ އެވެ.
މިކަމާ ބެހޭ ގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާންގެ އެޑްވައިޒަރު ޔާސީން އަކްޓޭ ދި އެސޯސިއޭޓެޑް ޕްރެސް އަށް ވިދާޅުވީ އަންކާރާގައި ޚާޝޮގްޖީގެ މަރުގެ ހާދިސާއާ ބެހޭ ގޮތުން ޝޯން އޭނާއާ އިންޓަވިއު ކޮށްފައިވާ ކަމަށެވެ.
"އޭނަ ތުރުކީ އަށް ކުރާ ދަތުރަކީ ޑޮކިއުމަންޓްރީގެ މަސައްކަތުގެ ތެރެއިން ކުރާ ދަތުރެއް. އަހަރެމެން މި ތިބީ ޝޯންގެ މި މަސައްތަކަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް،" ޚާޝޮގްޖީއާ ގާތް އެކުވެރިކަމެއް އޮންނަ ޔާސީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝޯން މިހާރު ވަނީ ޚާޝޮގްޖީ ކައިވެނި ކުރަން އުޅުނު ތުރުކީގެ ލޯބިވެރިޔާ ޚަދީޖާ ސެންގީޒްއާ ވެސް އިސްތަންބޫލުގައި ބައްދަލުކޮށްފަ އެވެ.
"ޑެޑް މޭން ވޯކިން" އާއި "މިލްކް" ފަދަ ފިލްމުތައް ކުޅެފައިވާ ޝޯން، 58، ގެ މި ޑޮކިއުމަންޓްރީއާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ވަރަށް އަނިޔާވެރި ގޮތަކަށް ޚާޝޮގްޖީ މަރައިލަން އެންގީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ސީއައިއޭ އިން ވަނީ މިދިޔަ މަހު ބުނެފަ އެވެ. ނަމަވެސް ސައުދީގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެ ގައުމުން ވަނީ އިންކާރުކޮށްފަ އެވެ.