ޔޫތު ބެޑްމިންޓަން މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރަނީ
ޔޫތު ބެޑްމިންޓަން މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރަނީ

ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަޑް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

މިދިޔަ އަހަރު ބާއްވަން ފެށި މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ އިންޑިއާގެ ގުވަހާޓީގަ އެވެ. އޭގެ ދެ ވަނަ މުބާރާތް މި މަހު ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވީ ނޭޕާލްގަ އެވެ.

ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވި ޔޫތު މުބާރާތުގެ އިތުރުން ބައިނަލްއަގްވާމީ އެހެން މުބާރާތެއް ބޭއްވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތާއި އިތުރު އިންޓަނޭޝަނަލް މުބާރާތެއް އަންނަ އަހަރު ބޭއްވުމަށް މަސައްކަތް ކުރަމުން. ދެ މުބާރާތް ވެސް ޝެޑިއުލް ކޮށްގެން މި އުޅެނީ. ބޭއްވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު،" އިއްޕަ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ. މަރާމާތަށް ފަހު އެކުވެނި ބެޑްމިންޓަން ކޯޓު އަލުން ބޭނުންކުރި ނަމަވެސް އަދިވެސް ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ އަހަރު ބާއްވަން ތާވަލްކުރި ބައިނަލްއަގްވާމީ މުބާރާތް ވެސް ނުބޭއްވުނީ ބެޑްމިންޓަން ކޯޓުގެ ބައެއް ކަންތައްތައް ފުރިހަމަ ނުވެ ހުރުމުންނެވެ. އެކަމަކު އެކަންކަން އަންނަ އަހަރަށް ރަނގަޅުކުރެވޭނެ ކަމަށް ބެޑްމިންޓަން އެެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެ މެޑަލް ހާސިލްކޮށްފަ އެވެ. އަދި ދުނިޔޭގެ ރޭންކިންގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ. އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑެއްޔެއް ހޯދަން ޓާގެޓްކޮށްގެން ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅުންތެރިންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން ގިނަ މުބާރާތްތަކަށް ކުޅުންތެރިން ދަނީ ފޮނުވަމުންނެވެ. ދާދި ފަހު ނޭޕާލުގައި އޮތް މުބާރާތުގައި ގިނަ ކުޅުންތެރިންތަކެއް ވަނީ ވާދަކޮށްފަ އެވެ. އަދި މާދަމާ ބަންގްލަދޭޝްގައި ފަށާ މުބާރާތުގައި ވެސް އެކި އިވެންޓްތަކުގައި ގިނަ ކުޅުންތެރިންތަކެއް ވާދަކުރާނެ އެވެ.