ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރަން 9.6 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ
ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރަން 9.6 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

ހދ. ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން 9.6 މިލިއަން ޑޮލަރު (148 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ނިންމައިފި އެވެ.

ދަ ފައިނޭންޝަލްގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ސަބަބުން ކުޅުދުއްފުށީގެ 8،000 މީހުންނަށާއި ކައިރި ރަށްތަކުގައި ދިރިއުޅޭ 30،000 އެއްހާ މީހުންނަށް އޭގެ ފައިދާކުރާނެ ކަމަށެވެ. ނަމަވެސް މި އެހީ ދެނީ ކޮން އުސޫލަކުން ކަމެއް އެ ވެބްސައިޓްގައި ހާމަކޮށްފައެއްނުވެ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޕަސިންޖަރުންނާއި އަދި ބޮޑެތި އުޅަނދުފަހަރުން މުދާ ބާލާ ސަރަހައްދެއް ހަދާނެ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރުގެ ނިޒާމުން ގުޅިފައިވާ މިންވަރު ކުޑަވުން. 1،000 އަށް ވުރެ ގިނަ ރަށްތައް އިންޑިއާ ކަނޑުގައި 90،000 ކިލޯމީޓަރަށް ފެތުރިފައިވާތީ އެއީ ދުނިޔޭގައި އެންމެ ބޮޑު ސަރަހަދަކަށް ފެތުރިފައިވާ އެއް ގައުމު،" އޭޑީބީގެ ޓްރާންސްޕޯޓް ސްޕެޝަލިސްޓް އަންޑްރީ ހެރިއަވަން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅިފައި އޮތުމުން ވަޒީފާއަށް ދިއުމަށާއި ސްކޫލާއި ހޮސްޕިޓަލް އަދި އެނޫން ވެސް ސިއްހީ ހިދުމަތް ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ މިހާރު ދުވާލަކު 150 އުޅަނދަށް ހިދުމަތް ދެވޭ ބަނދަރުގެ ޖާގަ 250 އުޅަނދަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުގެ ޓެކްނިކަލް އެހީ އަށް 500،000 ޑޮލަރު ވަނީ ކަނޑައަޅައިފަ އެވެ.