10 ޑިސެމްބަރ 2018 - 10:08

ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އެބައޮތް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އަތުން 2-0 އިން ސިޓީ ބަލިވިއިރު، މިއީ ލީގުގައި ސިޓީ ބަލިވި ފުރަތަމަ މެޗެވެ. އެ މެޗުން ބަލިވެ ސިޓީ އަށް ވަނީ ލީގުގެ އެއް ވަނަ ގެއްލިފަ އެވެ. ސިޓީ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން އެއް ވަނައިގައި އޮތީ ލިވަޕޫލެވެ.
"އަހަރެމެންނަށް މެޗަކުން ބަލިނުވެ ލީގު ނުހޯދޭނެއޭ އަހަރެން ކުރިން ވެސް ބުނިން. އަހަރެމެން މި ވާދަކުރަނީ ލީގު ހޯދަން. ބަލިނުވެ ނިންމާލާކަށް ނޫން. މިހާރު އޮތްގޮތުން ކޮންމެ ޓީމަކަށް ވެސް ލީގު ހޯދޭނެ. އެއީ އަހަރެން ގަބޫލުކުރާގޮތަކީ،" ގާޑިއޯލާ ބުންޏެވެ.
"އަހަރެމެން މި ތިބީ ހަމަޖެހިގެން. ބަލިވުމަކީ ވެސް އޮންނަކަމެއް. ޓެނިސް، ބާސްކެޓްބޯޅަ، ގޮލްފް މި ކުޅިވަރުތަކުގައި ވެސް އަބަދު އެއް ޓީމެއް ނޫން މޮޅުވަނީ. ބަލިނުވެ އޮންނާނެއޭ ބުނެ އެ ވާހަކަތައް ދައްކާ މީހުން އެ އުޅެނީ ހިޔާލާ ދުނިޔެއެއްގައި،"
ގާޑިއޯލާ ބުނީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ އަށް ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށެވެ. އެންމެ މުހިއްމު ކަމަކަށް ސިޓީ އަށް ދަސްވީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ވީހާ ވެސް އަވަހަކަށް މެޗުގެ ކޮންޓްރޯލް ނެގުމުގެ މުހިއްމުކަން ކަމަށެވެ. ޗެލްސީ އަތުން ބަލިވުމުގައި މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތުތައް ނަގާލުން އެއީ މުހިއްމު ދައުރެއް އަދާކުރި ކަމެއް ކަމުގައި ގާޑިއޯލާ ފާހަގަ ކުރި އެވެ.
ސިޓީން ޗެމްޕިއަންސް ލީގު ލެވެލްގައި ވާދަކުރާނަމަ ނަތީޖާ ނެރެން ޖެހޭ ވަގުތު އެކަން ކުރަން ޖެހޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
"މީހުން ބުނޭ ސިޓީ އަކީ ޗެމްޕިއަންސް ލީގުގެ ފޭވަރިޓް ކަމަށް ވެސް. އެކަމަކު އަހަރެންގެ ނަޒަރުގައި ޗެލްސީއާ ދެކޮޅަށް މި ކުޅުނު ފަދަ ކުޅުމެއް ދައްކައިގެން އަހަރެމެންނަށް އެކަން ނުކުރެވޭނެ. އެއީ އަހަރެމެން އެބަޖެހޭ މި ލެވެލްގެ މެޗުތަކުގައި ނަތީޖާ ނެރުމުގައި ސާބިތުކަން ދައްކަން،" ކުރިން ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދިމާވި މައްސަލަ އަކީ ސާޖިއޯ އަގުއޭރޯ ނެތުން ކަމަށް ދެކެވޭ ވާހަކަތައް ގަބޫލުނުކުރާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އޭނާގެ ނަޒަރުގައި އެއް ކުޅުންތެރިއަކު މަދުވެގެން މުޅި ޓީމަށް އަސަރުކުރާ ވަރަށް ވުރެ ސިޓީގައި ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަ އެވެ.