ސްޓާލިން މީޑިއާ އަށް ފާޑުކިޔައިިފި
ސްޓާލިން މީޑިއާ އަށް ފާޑުކިޔައިިފި

ލަންޑަން (ޑިސެމްބަރު 10) - ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް ފެށެނީ މީޑިއާއާ ހަމައިން ކަމަށް ބުނެ މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން މީޑިއާ އަށް ފާޑުކިޔައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އަތުން ސިޓީ ބަލިވި މެޗުގެ ތެރެއިން ޗެލްސީ ސަޕޯޓަރަކު ސްޓާލިންއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އުމުރުން 24 އަހަރުގެ ސްޓާލިން އިންސްޓަގްރާމްގައި ލިޔުނު ޕޯސްޓެއްގައި ބުނެފައިވަނީ ނަސްލީ ތަފާތު ކުރުން ނައްތާލެވޭނީ އެއް ލެވެލެއްގައި އެންމެން މަސައްކަތްކޮށްގެން ކަމަށާއި މީޑިއާ އިން ވެސް އެ ވިސްނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ޖެހޭ ކަމަށެވެ.

"ދެ ވަނަ ވިސްނުމަކަށް ގޮސް (މީޑީއާތަކުން) އެބަޖެހޭ ހުރިހާ ކުޅުންތެރިންނާ މެދު ވެސް ހަބަރު ފެތުރުމުގައި ހަމަހަމަ އުސޫލުއް ގެންގުޅެން. މި ވާހަކަތަކާ ބެހޭގޮތުން އަހަރެން ކުރިން ވާހަކަ ނުދައްކަން. އެކަމަކު މި ފަހަރު ކޮންމެވެސް އެއްޗެއް ބުނަން އެބަޖެހޭ،" ސްޓާލިން ބުންޏެވެ.

އޭނާ ވަނީ މީޑިއާތަކުން ކުޅުންތެރިންގެ ވާހަކަތައް ގެނެސްދޭއިރު ނަސްލީ ގޮތުން ތަފާތުކުރާކަން ދައްކުވައިދޭ މިސާލެއް ވެސް ޖަހައިފަ އެވެ. އެއީ ސިޓީގެ ދެ ޒުވާން ކުޅުންތެރިން ކަމަށްވާ ޓޮސިން އަޑަރަބިއޯޔޯ އާއި ފިލް ފޯޑެން ދާދި ފަހުން ގެ އެއް ގަތުމުން އެ ހަބަރު މީޑިއާގައި ގެނެސްދިން ގޮތާ ގުޅުވައިގެންނެވެ.

"ދެ ޒުވާން ކުޅުންތެރިން ފުޓްބޯޅަ ކެރިއަރު ފަށައިގެން އެއް ޓީމަކަށް ކުޅެމުން އެ މީހުންގެ މަންމަ އަށް ގެ އެއް ގަނެދިނުމުން ނޫސްތަކުން އެ ހަބަރު ގެނެސްދިން ގޮތް ފެންނާނެ. ފެނުނު ތަފާތަކީ ޒުވާން ކަޅު ނަސްލުގެ ކުޅުންތެރިއާ (ޓޮސިން) އާއި ދޮން ކުޅުންތެރިއެއްގެ (ފޯޑެން) ތަފާތު. ކަޅު ކުޅުންތެރިއާ އަށް ނުރަނގަޅު ގޮތަށް ހަބަރު ގެނެސްދިނުމަކީ އޭނާ ކުށެއް ކޮށްގެން ކުރި ކަމެއް ނޫން. މިއީ މީޑިއާ އިން ނަސްލީ ތަފާތު ކުރުމާ ދިމާލަށް ދާކަމުގެ ހެއްކެއް،" ސްޓާލިން ބުންޏެވެ.

ކުރިން ލިވަޕޫލަށް ކުޅުނު ސްޓާލިން އަށް ގިނަ ފަހަރެއްގެ މަތިން މީޑިއާގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން އޭނާ ލިވަޕޫލް ދޫކޮށް ސިޓީ އަށް ބަދަލުވިއިރު، ބޮޑު މުސާރަ އަށް ކްލަބް ބަދަލުކުރުމުގެ ދިފާއުގައި ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް މީޑިއާގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. އަދި ދާދި ފަހުން ބަޑިއެއްގެ ޓެޓޫ އެއް ސްޓާލިން ފައިގައި ޖެހުމުން މީޑިއާ އިން ވަނީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ.