11 ޑިސެމްބަރ 2018 - 07:35

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔާތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ މިއަންމާ ޕްރޮމޯޓްވާ ގޮތަށް ޓްވިޓާގެ އެއް ބާނީ އަދި ސީއީއޯ ޖެކް ޑޯސީ ކުރެއްވި ޓްވީޓްތަކަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެއްޖެ އެވެ.
އާދީއްތަ ދުވަހު ޑޯސީ މިއަންމާގެ ފޮޓޯތަކަކާ އެކު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ފާހަގަ ކުރި އޭނާގެ 42 ވަނަ އުފަން ދުވަހާ ދިމާކޮށް އެ ގައުމަށް 10 ދުވަހުގެ ޒިޔާރަތެއްކޮށްފައިވާ ކަމަށާއި މިއަންމާއަކީ ވަރަށް ހިތްގައިމު ގައުމެއް ކަމަށެވެ. ޑޯސީގެ ޓްވީޓްތަކުގައި މިއަންމާ ރައްޔިތުން ސިފަކޮށްފައި ވަނީ "ފުލް އޮފް ޖޯއި" ގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ އެ ގައުމުގެ ކެއުންތައް ވެސް ވަރަށް ފުރިހަމަ ކަމަށާއި މިއަންމާގެ ސިޓީތަކުގެ ތެރެއިން ޔެންގޮން، މަންޑަލޭ އަދި ބަގަންގެ އިތުރުން މިއަންމާގެ ހާއްސަ ތަންތަނަށް ވެސް ޒިޔާރަތްކޮށް ނަފުސަށް ހަމަޖެހުން ހޯދާފައިވާ ކަމަށެވެ.
ޑޯސީގެ މި ޓްވީޓް ގިނަ ބަޔަކު ސިފަ ކުރީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި މިއަންމާ ޕްރޮމޯޓްކޮށް ދިނުމުގެ ގޮތުގަ އެވެ. ނަމަވެސް މުޅި ދުނިޔޭގެ ނަޒަރުގައި މިއަންމާއަކީ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގަމުންދާ އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ ގައުމެކެވެ.
ޑޯސީ އަށް ފާޑުކީ ގިނަ ބަޔަކު ބުނީ އެ ގައުމުގެ ގިނަ ތަންތަނަށް ޑޯސީ ޒިޔާރަތް ކުރި އިރު މިއަންމާގެ ރޮހިންޖާ މުސްލިމުން ތިބި ނިކަމެތި އަދި އަނިޔާވެރި ހާލަތު ނުފެނުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އަދި މިއަންމާގެ ސަރުކާރުން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މުޅި ދުނިޔެ އަޑު އުފުލަމުން އަންނަ އިރު، ޑޯސީ ކަހަލަ ނުފޫޒު ގަދަ މީހަކަށް އަސްލު ބޮޑު މަންޒަރު ތަސައްވަރު ނުކުރެވުމަކީ ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ރޮހިންޖާ މުސްލިމުންގެ ހިތްދަތި ތަޖުރިބާތަކުގެ ވާހަކަތައް އަލް ޖަޒީރާގައި ކަވަރު ކުރި ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޖަމްޖޫން ބުނީ ޑޯސީގެ ޓްވީޓްގައި ދައްކާފައި ހުރި ވާހަކަތަކުން އޭނާ ހުރީ ބުނާނެ އެއްޗެއް ނެތި "ބަސް ހުއްޓިފައި" ކަމަށެވެ.
ޖަމްޖޫންގެ އިތުރުން ނިއު ޔޯކް ޓައިމްސްގެ ރިޕޯޓަރު ލިއަމް ސްޓެކް ވެސް ވަނީ މިއަންމާގައި ޑޯސީ ޗުއްޓީ ހޭދަކޮށްފައިވާތީ އެކަމަށް ފާޑު ކިޔައިފަ އެވެ.
ނަމަވެސް މި ފާޑުކިޔުންތަކާ ބެހޭގޮތުން ޑޯސީ އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.