މާޅޮހުގައި 200 ފޫޓަށް އޮޔާ ދަމައިގަތް ދެ ކުއްޖަކު ސަލާމަތްކޮށްފި
މާޅޮހުގައި 200 ފޫޓަށް އޮޔާ ދަމައިގަތް ދެ ކުއްޖަކު ސަލާމަތްކޮށްފި

ބ. މާޅޮހުގައި މޫދަށް އެރި އުޅެނިކޮށް އޮޔާ 250 ފޫޓު ބޭރަށް ދަމައިގަތް ދެ ކުއްޖަކު ޒުވާނަކު ސަލާމަތްކޮށްފި އެވެ.

މާޅޮހު އުތުރު ފަރާތު މޫދުގައި އުޅެނިކޮށް، އޮޔާ ބޭރަށް ދަމައިގަތީ ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެ ކުދިންނާ އެކު، އިތުރު ކުދިންތަކެއް ވެސް މޫދަ އެރި އުޅުނެވެ. ހަވީރު ފަހެއް ޖަހަނިކޮށް ހިނގި ހާދިސާގައި ދެ ކުދިންނަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މާޅޮހު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ އެ ކުދިން މޫދަށް އެރި އުޅުނު ސަރަހައްދަކީ އާންމު ގޮތެއްގައި އޮއި ބާރު ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދުން އޮއިވަރެއްގައި ޖެހިއްޖެނަމަ، ވަރަށް ބޭރަށް ދަމައިގަތުމުގެ ފުރުސަތު އަބަދުވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެ ކުދިން އޮޔާ ބޭރަށް ދަމައިގަތްތަން ފެނުނީ ޒުވާނަކަށެވެ. އަދި އެ ކުދިންނާ ހަމައަށް އެ ޒުވާނާ ދިއުމަށް ވެސް ގިނަ ވަގުތުތަކެއް ހޭދަވީ އޮއިގަދަވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒުވާނާ އަށް ދެ ކުދިންނާ ހަމައަށް ދެވެން ދެން، ހަގު ކުއްޖާ ގެނބުނަ ނުދީ ފެންމަތީގައި ގެންގުޅުނީ ދޮށީ ކުއްޖާ. ފަހުން ޒުވާނާ ގޮސް، އެ ކުދިން ހިފަހައްޓައިގެން ތިބީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ދެ ކުދިން ވެސް ސަލާމަތް ކުރީ ޑިންގީއެއް ގެނެސްގެން ކަމަށެވެ.

"ނަސީބަކުން ދެ ކުދިން ކުރެ އެއްވެސް ކުއްޖެއްގެ ލޮނު ބޮވި، ގެނބުން ފަދަ ކަމެއް ދިމައެއް ނުވޭ،" މާޅޮހު ކައުންސިލަރު ވިދާޅުވި އެވެ.