ދިހައެއް: ސެކްރެޓަރީ
ދިހައެއް: ސެކްރެޓަރީ

(އޮގަސްޓް 16 ގައި ޖެހި ބަޔާ ގުޅޭ)

މި ކުއްލި ދަތުރުގައި ސުހާނާ ގެނައުމަކީ އެއްގޮތަކުން ރަނގަޅެކެވެ. އޭނާ އަށް އަސްލު ދުނިޔޭގެ ކަންކަމުގެ ތެރެއަށް ވަދެވިފައި އެ އިނީ އެހެންވެގެންނެވެ. އެހެން ނޫން ނަމަ އަބަދުވެސް އޭނާ އަށް ވިސްނުނީހީ މަހުޖަނު އިބްރާހިމް މަރުވެ ދިޔަ ގޮތާއި އޭގެ ފަހުން ދެން އޭނާ އަށް ކުރިމަތިލާން ޖެހުނު އުނދަގޫތަކެވެ. އެކަމަކު ކުރިމަތީގައި އެ އިން ސުހާނާގެ ސަބަބުން އޭނާ އަށް އެހެން ކަހަލަ ބަދަލުތަކެއް އެބަ އާދެ އެވެ. އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް އޭނާ އަށް އަންހެނަކު އެބަ ރީތިވެ އެވެ. އަންހެނަކަށް އެބަ އެދެވެ އެވެ.

އެކަމަކު އޭނާ އަށް އެ އެދުމުގެ ވާފަށުގައި ހިފޭކަށް ނެތެވެ. އޭނާގެ ދިރިއުޅުން މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާއިރު އާ ލޯތްބެއްގެ ތެރެއަށް ވަދެއްޖެ ނަމަ، އެކަން ވާނީ އަމިއްލަ ކަރަށް މަހާލެވޭ މަޅިއަކަށެވެ. އޭނާގެ ސިއްރުކުރަން ޖެހޭ ކަންކަން ގިނަ އެވެ. ކުށެއް ނެތް ހަޔާތެއް ހޭދަކުރާކަން އެހެން މީހުންނަށް ހީވިޔަސް، ބަދަލުހިފުމުގެ ރޫހެއްގައި، ދެ ރަހުމަތްތެރިންނާ އެކު އޭނާ ވަދެފައި އެވަނީ ވަންހަނާ ކުރަން ޖެހޭ ދިރިއުޅުމަކަށެވެ. އެއިން އެންމެ ކަމެއް ފަޅާއެރިޔަސް އެ މީހުންގެ ދުވަސް ދިޔައީ އެވެ. އެ މީހުން ހައްޔަރުވެ، އެތައް ބައެއްގެ މަރުގެ ޒިންމާ އުފުލަން ޖެހޭނެ އެވެ.

ކިތައްމެ ބޮޑު ކުށްވެރިއެއް ނަމަވެސް ޝަރީއަތުން ބޭރުން ދޭ އަދަބެއް ގާނޫނީ ގޮތުން ގަބޫލުކުރެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން އިބްރާހިމްގެ މަރު ވެސް ފެތޭނީ މި ދުނިޔޭގެ ކުށްތަކުގެ ތެރެއަށެވެ. އޭނާ އަށް ދިނީ، އާދަޔާ ހިލާފު ބާރުތަކެއް ލިބިފައި ހުރި ފެންފޮދެއް ކަމަށް ވިޔަސް ފަހުގެ ނަތީޖާއަކީ އެ ކުށުގެ ފަހަތުގައި ހުރީ ފާތިރުކަމެވެ. މި ދުނިޔޭގައި ހިންގާ ޝަރީއަތެއްގައި އަދަބު ލިބޭ ނަމަ އެ ޒިންމާ ނަގަން ހުރީ ވެސް ހަމަ އޭނާ އެވެ.

ސުހާނާ އަކީ ކުށެއް ނެތް އަންހެނެކެވެ. އޭނާ ހުންނަން ޖެހޭނީ އެގޮތަށެވެ. ފާތިރުގެ އެއްވެސް އުނދަގުލެއް ކުރިމަތިވެގެންނެއް ނުވާނެ އެވެ. ހިތުގައި އުފެދެން ފެށި އާ އިހުސާސްތަކާ ދުރަށް ދެވޭތޯ އޭނާ މަސައްކަތް ފެށި އެވެ. ސުހާނާއާ ދެން ދައްކާނެ ވާހަކައަކާ މެދު ވިސްނާލި އެވެ.

"ކީއްވެ ފާތިރު މީހަކާ ނީދެ ތި ހުންނަނީ؟" އެންމެ ފަހުން އޭނާ އަށް އިވުނީ ސުހާނާގެ ސުވާލެވެ. ކޮފީ ޖޯޑުގައި ދެ އިނގިލިން މަޑުމަޑުން ޖަހަން އިން ފާތިރު ސުހާނާއާ ދިމާއަށް ބަލައިލި އެވެ.

"ވަގުތު ނުޖެހެނީ،" ހިނިތުންވެފައި ފާތިރު ވަރަށް ކުރުކޮށް ޖަވާބުދިނެވެ. ދެން ކޮފީފޮދެއް ބޯލި އެވެ.

"ކޮން ވަގުތެއް ފާތިރަށް ބޭނުންވާނީ؟ ހުރިހާ ކަމެއް ތިހުރީ ހަމަޖެހިފައި. އަހަންނަށް ޔަގީން ރާއްޖެ އިން ފާތިރަށް ނުލިބޭނެ އަންހެނަކު ނުހުންނާނެ. ޒުވާން އެތައް ކުދިންނެއް ވެސް ހަމަ ތައްޔާރަށް ތިބޭނީ،" ސުހާނާ، ހަގީގަތަށް ވާހަކަ ދެއްކި އެވެ. ފާތިރު ކަހަލަ ރީތި، މުއްސަނދި ފިރިހެނަކާ އިންނަން ބޭނުންނުވާނީ ކާކު ހެއްޔެވެ؟

"އެހެން މީހުން ހިތަށްއަރާނީ ތިހެން. އެކަމަކު އަހަންނަންތާ އެނގޭނީ އަހަރެންގެ މައްސަލަތައް،" ފާތިރު ބުންޏެވެ.

"ކޮން މައްސަލަތަކެއް އަނެއްކާ؟" ފާތިރުގެ ދެ ލޮލުން ކަޅި ނައްޓާނުލައި ސުހާނާ، ސުވާލުކުރި އެވެ. އެއީ ކިހާ ޒާތީ ސުވާލެއްކަން އޭނާ އަށް ވިސްނުނީ އޭގެ ފަހުންނެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ.

ފާތިރު މަޑުމަޑުން ކޮފީ ބޮމުން ވިސްނާލި އެވެ. އޭނާގެ ހިތުގައި ސުހާނާއާ މެދު އެއްވެސް ޝައްކެއް ނެތެވެ. އިތުބާރު ވެސް އެބަ އޮތެވެ. އޭނާ ނުބުންޏަސް އެހެން މީހުންނަށް އެނގޭނެ ސިއްރުތައް ހުންނާނެ އެވެ. އެކި މީހުންގެ ތުންތުން މަތިން ބަދަލުވަމުން ގޮސް އެ ސިއްރުތައް ހުންނަނީ އާންމު ވާހަކަތަކަކަށް ވެފަ އެވެ.

"އަހަރެން ދެ ކައިވެންޏެއް ކުރިކަން ނޭނގޭތަ؟" ސުހާނާގެ ސުވާލަށް ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ބޭނުންވީ އެއްވެސް ކަހަލަ މައުލޫމާތެއް ސުހާނާގެ ހުރިތޯ ބަލާށެވެ. ދޮގެއް ނުހަދާނެކަން ޔަގީނެވެ.

"ނޫން، އެނގޭ،" ސުހާނާ ބުންޏެވެ.

"ދެން ކޮން އެއްޗެއް އެނގެނީ؟" ފާތިރު އެހި އެވެ.

"ދަރިއެއް ނުހުންނަކަން،" ސުހާނާ ޖަވާބު ދިނެވެ. އޭނާ އަށް އެނގިފައި ހުރި އެއްޗެއް މިވަގުތު ސިއްރުކުރުމުގެ ބޭނުމެއް ނެތެވެ. އެ މީހުން ތިބީ އޮފީހަކު ނޫނެވެ. އުނދަގޫކުރާނެ ފޯނު ކޯލެއް، ދޮރުގައި ޓަކިޖަހާނެ އެހެން މުވައްޒަފަކު ނެތެވެ. ލަންޑަންގެ ހިތްގައިމު، ފެންވަރުމަތީ ރެސްޓޯރެންޓެއްގެ ރީތި މާހައުލެވެ. ފެތުރިފައި ވަނީ މީރު ވަހެކެވެ. އެކި މޭޒުތަކުގައި އިށީދެ، އޮލަ ވާހަކަތަކުގައި ތިބި އެތައް ބައެކެވެ. ދެކޮޅަށް ހަރަކާތްތެރިވަމުން ދާ ކިޔަމަންތެރި ވޭޓަރުންނެވެ. ކިތައްމެ އިރަކު ވާހަކަ ދައްކަން ތިއްބަސް ބެހޭނެ މީހަކު ނެތެވެ. ދެ މީހުންގެ މެދުގައި ފެށިގެން އުޅޭ ޒާތީ ވާހަކަތަކާއި ސުވާލުތައް ނުކުމެގެން އެ އަންނަނީ ވެސް މިކަހަލަ ތަނެއްގައި ތިބެގެން ދެން ދެއްކޭނެ އެހެން މައުލޫއުއެއް ނެތުމުންނެވެ.

"އެހެންވިއްޔާ އަހަންނާ ބެހޭ އެހެން މައުލޫމާތު ވެސް ހުންނާނެ،" ގޮނޑީގައި ރަނގަޅަށް ލެނގިލައި، ވާހަކައިގެ ތެރެއަށް ވަންނަން އުޅޭ ކަހަލަ ގޮތަކަށް، ފާތިރު ބުންޏެވެ.

"އެއީ އެނގޭ މައުލޫމާތަކީ. ދެން އަހަރެންގެ ހިތަށްއަރަނީ ދެ ކައިވެންޏަށް ފަހު މުޅި އުމުރު ހަމަ ތިހެންހޭ ހުންނާނީ؟" ސުހާނާ ބުނެލި އެވެ.

"ނޫން، އެހެން ކޮންމެހެން ހުންނާކަށް ނުޖެހޭނެ. އެކަމަކު އަހަރެންގެ އަމިއްލަ އެހެން ސަބަބެއް ވެސް އެބަ އޮތް. ނުބުނާކަށް ނޫޅެން. އަހަންނަށް ކުދިން ނުލިބޭނެކަން ޑޮކްޓަރުން އޮތީ އަންގާފައި،" ފާތިރު ހަމަ އެ އިން ގޮތަށް އިނދެ، ސުހާނާގެ މޫނުން ނަޒަރު ވެސް ނައްޓާ ނުލައި، ބުންޏެވެ.

ސުހާނާ އަށް ބުނާނެ އެއްޗެއް ފުރަތަމަ ނޭނގުނެވެ. އޭނާގެ ހިތަށް ވެރިވެގަތީ ކުށުގެ އިހުސާސެވެ. އޭނާގެ ވެރިމީހާގެ ޒާތީ ސިއްރެއް އޭނާގެ ސަބަބުން ބޭރުކުރެވުނުކަމުގެ ކަންބޮޑުވުމެވެ. ފާތިރުގެ ދިރުއުޅުމުގެ އެ ހަގީގަތް އޭނާ އަށް ކުޑަކޮށް ވެސް އެނގިފައެއް ނެތެވެ. އެހެން ނޫން ނަމަ ކައިވެންޏާ ބެހޭ ގޮތުން އެންމެ ސުވާލެއް ވެސް އޭނާ ނުކުރީހެވެ.

"ކީއްވެ މާ ހާސްވީ؟ ހާދަ ފާޑަކަށް ތި އިނީ،" ދައްކާނެ ވާހަކައެއް ނޭނގިގެން ސުހާނާ އިންތަން ފެނުމުން ފާތިރު ބުންޏެވެ.

"އަހަރެން ނުވާނެދޯ އެ ސުވާލުތައް ކޮށްގެންނެއް؟" ސުހާނާ އަށް އަހާލެވުނެވެ.

"ނޫނޭ، މާ ލަސް ވެސް ވެއްޖެ އެކަހަލަ ވާހަކައެއް ނާހާ ހުންނަތާ. އަހަރެންގެ އެހެން ހުރިހާ ކަމެއް ސުހާނާ އަށް އެނގޭނެ. ދެން ކީއްވެ މިކަން ނޭނގެންވީ؟ މި ބުނީ ތެދަށް،" ފާތިރު ގޮނޑިން ބުރަކަށި ނައްޓާލަމުން، ޖޯޑަށް އަލުން ކޮފީ އަޅަން ފެށި އެވެ.

"އަހަރެންގެ ޒިންމާއަކީ އޮފީސް މަސައްކަތްކުރުން. ފާތިރުގެ ހުރިހާ ކަމަކާ ބެހި، ސުވާލުތައް ކުރުން ރީއްޗެއް ނުވާނެ،" ސުހާނާ ބުންޏެވެ.

"ސުހާނާގެ ކުރިއަކުން އަހަރެންގެ ނުހުންނާނެ އަމިއްލަ ސެކްރެޓަރީއެއް. އޮފީހުގެ ކޮންމެވެސް ކުއްޖަކު، އަހަރެން ބުނާ ކަމެއް ވިއްޔާ ކޮށްދޭނެ. އަންނަ ސިޓީތައް ވެސް ގިނައިން ބަލާނީ އަހަރެން. ސުހާނާ އައިމަ ވަރަށް ފަސޭހަ ވެއްޖެ ހުރިހާ ކަމެއް ވެސް. އެހެންވެ މަގޭގެ އެކަހަލަ ސިއްރެއް ވަކި ނާންގާ ބޭއްވުމުގެ ބޭނުމެއް ނެތެއްނު،" އަލުން ކޮފީ ތައްޓެއް ގިރަމުން ފާތިރު ބުންޏެވެ.

"އެހެންވިއްޔާ ސުވާލެއް ކޮށްލާނަން. ކީއްވެ ޑޮކްޓަރުން ބުނާހާ ހުރިހާ އެއްޗެއް ތި ގަބޫލުކުރަނީ؟" ސުހާނާ އެހި އެވެ.

"އެއީ ގަބޫލުކުރެވޭ އެއްޗަކަށް ވާތީ. ފުރަތަމަ އަންހެނުންނާ އެކު ސިންގަޕޫރަށް ގޮސް ޓެސްޓް ހެދިން ދެ މީހުންގެ. އަހަރެންގެ ނަތީޖާ އިން ދެއްކީ އެކަން. ދެން އެހިސާބުން ސުވާލެއް ނޯންނާނެދޯ؟" އެއްވެސް ޖެހިލުމެއް ނެތި ފާތިރު ބުންޏެވެ.

"އެ ޓެސްޓް ހަމަ ގޯސް ވެސް ވެދާނެ ދޯ؟ ކިތައް ފަހަރު އެކަހަލަ ކަންތައް ދިމާވަނީ؟" ސުހާނާ ބޭނުންވީ ފާތިރަށް ހިތްވަރެއް ނުވަތަ އުއްމީދެއް ދޭށެވެ.

"ޓެސްޓަށް ފަހު ދެ މީހުންގެ އަނބިފިރިކަމުގެ ގުޅުން ކެނޑުނީއެއް ނޫނޭ. ހަމަ ދެ ވަނަ ކައިވެންޏެއް ވެސް ކުރިންތާ. އެކަމަކު އެ ނަސީބު ނެތްކަން އެއޮތީ ޔަގީންވެފައެއްނު،" ފާތިރު ބުންޏެވެ.

"ތިއީ ވެސް ވެދާނެ ގޮތެއް. މަށަށް ދެން ބުނެވެން އޮތީ އަމިއްލަ ހަޔާތުގެ ވާހަކައެއް. ޒިޔާދު ލިބުނީ އޭނާގެ ބައްޕަ އަށް ކުދިން ނުލިބޭނެ ކަމަށް ބުނެފައި އޮއްވާ،" ސުހާނާގެ ފިރިމީހާއާ ބެހޭ ގޮތުން ބުންޏެވެ.

ފާތިރު ކޮފީ ބޮމުން ދިޔަ އެވެ. ޒިޔާދާ ބެހޭ ގޮތުން އަދިވެސް އިތުރު މައުލޫމާތު ދޭން ޖެހޭކަން ސުހާނާ އަށް ވިސްނުނެވެ.

"ޒިޔާދުގެ މަންމަ އެ ވާހަކަ ކިޔައިދިން އަހަރެމެން އިނުމުގެ ކުރިން. ބުނީ ކުއްޖަކު ނުލިބިގެން ބޮމްބޭ އަށް ގޮސް ޓެސްޓް ހެދުމުން ޑޮކްޓަރު އެންގީ ޒިޔާދުގެ ބައްޕަ އަށް ދަރިއަކު ލިބޭކަށް ނެތޭ. އެކަމަކު އޭގެ ދެ އަހަރު ފަހުން ޒިޔާދަށް ބަނޑުބޮޑުވި. އެހެންވެ އަހަރެން މި ބުނީ ޑޮކްޓަރުން ދައްކާހާ ވާހަކައެއް ގަބޫލުނުކުރާށޭ،" ސުހާނާ ބުންޏެވެ.

ފާތިރު ދެން ވެސް ހަމަ އިނީ އެވެ. އެއީ ވެދާނެ ގޮތެކެވެ. ނަމަވެސް ވަރަށް ނާދިރު ކަމެކެވެ. އޭނާ މިހާރު އުއްމީދެއް ވެސް ނުކުރެ އެވެ. ކައިވެންޏަކާ ދިމާއަށް ދިއުމުގެ ހިޔާލު ނުގެންގުޅެން ނަފުސަށް އަންނަނީ ވިސްނައިދެމުންނެވެ. އެކަމަކު ސުހާނާ، އޭނާގެ ސެކްރެޓަރީ، އެ ދައްކާ ވާހަކަ އިވުމުން، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް، ސިކުންތެއްގެ ހިނދުކޮޅަކަށް ނަމަވެސް، އެތެރޭގައި ދަތުރުކޮށްލި އެވެ.

"މި ދެއްކި ވާހަކަ ގަބޫލުނުކުރެވެނީތަ؟" ފާތިރު މަޑުން އިނުމުން އުނދަގޫވެގެން ސުހާނާ ސުވާލުކުރި އެވެ.

"ނޫން، ތިއީ ގަބޫލުނުކުރެވޭ ވަރުގެ ވާހަކައެއް ނޫން،" ފާތިރު، އޭނާގެ ހަޔާތުގައި ތަޖުރިބާކުރި ގަބޫލުކުރަން ނުހަނު އުނދަގޫ އެކަމަކު ހަގީގީ ކަންކަމަށް ވިސްނާލަމުން ބުނެލި އެވެ.

"އެހެންވިއްޔާ ހިޔާލު ބަދަލުކޮށް ކައިވެންޏެއް ކުރުން ހަމަ އެންމެ ރަނގަޅެއްނު. ފާތިރުގެ ތި މުއްސަނދިކަން ވާރުތަވާނެ ކުއްޖަކު އިރާދަކުރެއްވިއްޔާ ލިބިދާނެ،" ސުހާނާ ބުންޏެވެ.

އޭނާ ހަމަ ރީއްޗެވެ. އެ ލޮލުން މިހާރު ވެސް އެ ކިޔައިދެނީ އުއްމީދީ ވާހަކަތަކެކެވެ. އެއީ އަސަރު ހުރި ބެލުމެކެވެ. ކޮންމެ ލަފުޒެއް ވެސް އެ ބުނަނީ ހިތުގެ އަޑިން، އަދި ހެޔޮއެދިގެންނެވެ.

ފާތިރުގެ ވިސްނުން ދޫކޮށްލެވުނީ، އަނެއްކާވެސް، ސުހާނާގެ އަންހެންވަންތަ ސިފަތަކަށެވެ. މީގެ އިރުކޮޅެއް ކުރިން އޭނާ މަސައްކަތްކޮށް، ކާމިޔާބު ހޯދީ އެ ނަޒަރުން ނުވިސްނާށެވެ. އެއީ އޭނާ އަށް ހޯދޭނެ އަންހެނެއް ނޫނެވެ. ސުހާނާ އަށް އެކަހަލަ އުނދަގުލެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. މިހާ ހިސާބުން އޭނާ ބުނަން ޖެހޭ ވާހަކަ ވިސްނުމަށް އަ އެވެ.

"އަހަރެން ކައިވެންޏެއް ކޮށްފާނަން، އެކަމަކު ފުރަތަމަ މީހަކާ އިންނަން ޖެހޭނީ ސުހާނާ. އެކަން ވާނެތަ؟" ފާތިރު، ހިނިތުންވެފައި، ބުނެލި އެވެ. ސުހާނާ ބުނާނެ އެއްޗެއް އަޑުއަހަން ފާތިރު އިނެވެ. އެކަމަކު ސުހާނާގެ ވިސްނުން އޭނާ އިރުކޮޅަކަށް ގަނޑުކޮށްލި ފަދަ އެވެ. ދޭނެ ޖަވާބެއް ނޭނގުނެވެ.

"ވިސްނަން ޖެހޭ ކަމެއް ނޫނެއްނު. އަހަރެން މި ބުނީ އަހަރެން ކައިވެނިކުރާނެ ޝަރުތު. ސުހާނާގެ އަތްމަތީގައި އެކަން އޮތީ،" ފާތިރު، ވަރަށް ކެރިގެން ބުންޏެވެ.

"އެކަމަކު ތިއީ ދެން ވަރަށް ހަމަނުޖެހޭ ވާހަކައެއް ދޯ؟ އަހަންނާ ފާތިރާ މުޅިން ތަފާތު. އަހަރެން އަދި ތައްޔާރެއް ނޫން. އެކަމަކު ފާތިރަކަށް ހުރަހެއް ނެތެއްނު،" އެންމެ ފަހުން ސުހާނާ، ސަބަބުތައް ދައްކަން ފެށި އެވެ.

"ތިއީ އަދި އެހެން ވާހަކައެއް،" ފާތިރު ބުންޏެވެ.

"އެކަން ވާނެ ދުވަހެއް ހަމަ އަސްލު ވެސް އަހަންނަކަށް ނޭނގޭ،" ސުހާނާ އަށް އެ ނޫން ޖަވާބެއް ނެތެވެ. އާ ކައިވެންޏަކަށް މަޖުބޫރު ވާ ސަބަބެއް އޮވެގެންނުވާނެ އެވެ. އެއީ ވަގުތު ޖެހުމުން އަދި އޭނާ ހިތްކިޔާ، ހިތްހަމަޖެހޭ މީހަކު ފެނުމުން، ނިމޭނެ ކަންކަމެވެ. އެ ވަގުތެއް އަދި ނާދެ އެވެ.

"އެހެންވިއްޔާ އަހަރެން ވެސް އެދުވަހެއް އަންނަންދެން މަޑުކުރާނީ. ރަނގަޅެއްނު،" ފާތިރު، ހިނިތުންވެފައި، ބުންޏެވެ.

"މިސާލަކަށް އަހަރެން ވަޒީފާ އިން ވަކިވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟ ހަމަ އަހަރެން އުޅޭ ގޮތް ބަލާނީތަ؟" އެ މައުލޫއުގައި ފާތިރަށް ދުލެއް ދޭކަށް އޭނާ ބޭނުމެއް ނުވި އެވެ.

"އެއްވެސް ޝައްކެއް ނެތް. އެކަން އެ އޮތީ އެގޮތަށް ނިމިފައި މިހާރު. އަހަރެން ތިން ވަނަ ކައިވެންޏެއް ކުރާނެ ހަމައެކަނި ޝަރުތަކީ ސުހާނާ ވެސް ކައިވެންޏެއް ކުރުން،" ފާތިރު ޖަވާބުދިނެވެ. މިހާރު ސުހާނާ އަށް ޔަގީންވެއްޖެ އެވެ. ފާތިރު އެ ދައްކަނީ ސީރިއަސް ވާހަކައެކެވެ. އެކަމަކު އެއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟ ޒާތީ ވާހަކަތައް އެންމެ ފަހުން ގޮސް މި ޖެހުނީ ދެ މީހުންގެ އެންމެ ނާޒުކު ހާލަތަށެވެ. އަނެއްކާ ފާތިރު އޭނާއާ މެދު އެހެން ނަޒަރަކުން ބަލަނީ ހެއްޔެވެ؟ އެ ސުވާލުން ސުހާނާގެ ހިތަށް ދިޔައީ ފިނިވެގެންނެވެ. އޭނާ ފާތިރާ ދިމާއަށް ކަޅި ޖަހާނުލައި ބަލަން އިނެވެ. އެވަގުތު ފާތިރު ޖީބުން ފޯނު ނަގައި، އެއަށް ނަޒަރު ހުއްޓާލި އެވެ. އޭނާގެ މޫނުމައްޗަށް ކުއްލި ބަދަލެއް އައިކަން ސުހާނާ އަށް ޔަގީންވި އެވެ. (ފަސް ވަނަ ބައި، އޮގަސްޓް 22 ވާ ހޯމަދުވަހު)