10 ޑިސެމްބަރ 2018 - 07:12

އަންނަ އަހަރު ބާއްވާ ލޯކް ސަބާ އިންތިހާބުގައި ވާދަކޮށްގެން ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ކަމަށް ބުނާ ވާހަކަތައް އޭނާގެ ފަރާތުން ދޮގުކޮށްފި އެވެ.
އުމުރުން މިހާރު 51 އަހަރުގެ ބަތަލާގެ ތަރުޖަަމާނު އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) އަށް ބުނީ މަދޫރީ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ކަމަށެވެ. އަދި މި ވަގުތު އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނާކަށް ހިޔާލު ވެސް ކޮށްފައި ނެތް ކަމަށް ބުންޏެވެ.
ތަރުޖަމާން ބުނި ގޮތުގައި މަދޫރީގެ ހުރިހާ ވެސް ފޯކަސްއެއް އޮތީ ފިލްމީ މަސައްކަތްތަކަށެވެ.
ނަމަވެސް އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސް އޮފިޝަލަކާ ހަވާލާދީ މިދިޔަ ހަފުތާގައި ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ ބީޖޭޕީން ލޯކް ސަބާ އަށް ވާދަ ކުރާ ގޮނޑިތަކުގެ ތެރެއިން ޕޫނޭގެ ގޮނޑި އަށް ވާދަ ކުރަން ޝޯޓްލިސްޓްކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި މަދޫރީ ހިމެނޭ ކަމަށާއި އޭނާ އަށް ޓިކެޓް ދޭން ޕާޓީން ވަރަށް ސީރިއަސްކޮށް ވިސްނާފައިވާ ކަމަށެވެ.
މިދިޔަ މެއި މަހު ރިލީޒް ކުރި މަރާޓީ ފިލްމު "ބަކެޓްލިސްޓް" ގެ ބަތަލާ މި ވަގުތު އަންނަނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ޑައިރެކްޓް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ. އެއީ އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރާ ފިލްމެކެވެ.
މަދޫރީ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނީ އަންނަ ފެބްރުއަރީ މަހުގެ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ.