ސަލްމާނާއި އަނުޝްކާގެ ޖޯޑު ދެވަނަ ފިލްމަކުން ފެނިދާނެ
ސަލްމާނާއި އަނުޝްކާގެ ޖޯޑު ދެވަނަ ފިލްމަކުން ފެނިދާނެ

މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ސަންޖޭ ލީލާ ބަންސާލީ ދެން ހަދާނެ ފިލްމެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު އޭނާގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ސަލްމާން ހާން ވަނީ ކަށަވަރުކޮށް ދީފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސަލްމާނާ އެކު ބަންސާލީ މަސައްކަތް ކުރާ ހަތަރު ވަނަ ފިލްމުގެ ނަމަކީ "އިންޝާﷲ" އެވެ.

އަދި ސަލްމާނާ އެކު ޝާހްރުކް ވެސް ބަންސާލީގެ ފިލްމަށް ސޮއި ކުރި ވާހަކަ މި ދޭތެރެ އިން ފެތުރިފައިވެ އެވެ. ހަމަމިއާ އެކު ބަންސާލީ ދެން ހަދާނީ "ހީރާ މަންދީ" ކިޔާ ފިލްމެއް ކަމަށް ބުނެ ވެސް އަޑުތަކެއް އަރާފައިވެ އެވެ.

ނަމަވެސް ސަލްމާން ހިމަނައިގެން ބަންސާލީ ހަދަން އުޅޭ ކަމަށް ބުނާ ފިލްމާ ބެހޭ އެންމެ ފަހުގެ ވާހަކައަކީ އޭގެ ބަތަލާއަކަށް އަނުޝްކާ ޝަރުމާ ގެންނަން ސަލްމާން ރިކޮމެންޑް ކުރި ވާހަކަ އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ބަތަލާއަކަށް ޕަރިނީތީ ޗޯޕްޅާ ގެންނަން އުޅޭކަން އެނގިގެން ސަލްމާން ވަނީ އޭނާގެ ބަދަލުގައި އަނުޝްކާ ފިލްމަށް ނަގަން އެދިފަ އެވެ.

ސަލްމާނާއި އަނުޝްކާ މީގެ ކުރިން ވެސް ވަނީ އެކުގައި ވަރަށް ކާމިޔާބު ފިލްމެއް ކުޅެފަ އެވެ. އެއީ 2015 ގެ "ސުލްތާން" އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި ބަންސާލީގެ ސްކްރިޕްޓެއް އަނުޝްކާ އަށް ހުށަހެޅުމުން އޭނާ ވަނީ އެއާ ވަރަށް ބޮޑަށް ގަޔާވެ ރުހުން ދީފަ އެވެ. އަދި ބަންސާލީ ވެސް ހުރީ އަނުޝްކާއާ އެކު ފިލްމެއްގެ މަސައްކަތްކޮށްލަން ވަރަށް ބޭނުންވެފައި ކަމަށް އެ ނޫހުން ބުންޏެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނުޝްކާ، ބަންސާލީގެ ފިލްމަކުން ފެނުންވެގެން ދާނީ ވަރަށް ޝައުގުވެރި ކަމަކަށެވެ. އިންތިޒާރު ކުރަން ޖެހެނީ ބަންސާލީ ދެން ހަދާ ފިލްމު އިއުލާން ކުރާނެ އިރަކަށެވެ.

މި މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" އަށް ފަހު، އަނުޝްކާ ދެން ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނެތެވެ.