މެގަ މޯލްޑިވްސް އިން އިންޑިއާގެ ވެރިރަށަށް ދަތުރުތައް ފަށަނީ
މެގަ މޯލްޑިވްސް އިން އިންޑިއާގެ ވެރިރަށަށް ދަތުރުތައް ފަށަނީ

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން އިންޑިއާ އަށް ދަތުރުތައް ފަށަން ނިންމައި އެ ކަމަށް ބޭނުންވާ ހުއްދަ އިންޑިއާ ސަރުކާރުން ހޯދައިފި އެވެ.

މެގަ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ ހުއްދަ އެ ގައުމުގެ ސިވިލް އޭވިއޭޝަނުން ލިބިފައިވާ ކަމަށެވެ. އަދި އިންޑިއާގެ ވެރިރަށް ދިއްލީ އަށް ދަތުރުތައް ފަށަން ނިންމައި މިހާރު ޝެޑިއުލް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

"މާލެ އާއި ދިއްލީއާ ދެމެދު ސީދާ ފްލައިޓުތައް ބާއްވަން ފެށުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ދެ ގައުމުގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިދާ ކުރާނެ ކަމަށް މެގަ މޯލްޑިވްސް އިން ގަބޫލުކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެންމެ ގިނަ އަދަދަކަށް ޗައިނާއިން ރާއްޖެ އަށް ޓޫރިސްޓުން އުފުލާ މެގަ މޯލްޑިވްސް އިން ބުނީ ދަތުރުތައް ފަށާނެ ދުވަހާއި އަގުތައް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ރާއްޖެއިން ދިއްލީ އަށް ސީދާ ދެވޭނެ ގޮތެއް މިހާރަކު ނޯވެ އެވެ. ދިއްލީ އަށް ދަތުރުކުރާ މީހުން އެންމެ އާއްމުކޮށް ބޭނުންކުރަނީ އިންޑިއާގެ ބެންގަލޫރު މަގެވެ. ނަމަވެސް މާލެއިން ބެންގަލޫރަށް ސީދާ ދިއުމަށް ފަހު، ބެންގަލޫރުން ދިއްލީ އަށް ދާން ޖެހޭތީ ދަތުރު ދިގުވެ އެވެ. އެމަގުން ކުރާ ދަތުރަށް ގާތްގަނޑަކަށް ނުވަ ގަޑިއިރު ހޭދަކުރަން ޖެހެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު ދަތުރުކުރާ ހަމައެކަނި ދިވެހި އެއާލައިނަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ. އެ އެއާލައިނުން އުދުހެނީ ދިވެހިން އާއްމުކޮށް ބޭސްފަރުވާ އަށް ދާ ޓްރިވެންޑްރަމްގެ އިތުރުން ޗެންނާއީ އަށެވެ. އޭގެ އިތުރުން، އިންޑިއާގެ ގައުމީ އެއާލައިނުންނާއި އެ ގައުމުގެ ބައެއް އަމިއްލަ އެއާލައިންތަކުން މާލެ އާއި އިންޑިއާގެ ބައެއް ސިޓީތަކަށް އުދުހެ އެވެ. އޭގެ ތެރޭގައި ބެންގަލޫރާއި ކޮޗިން ފަދަ ތަންތަން ހިމެނެ އެވެ.

މާލެ އާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށަން މެގަ މޯލްޑިވްސް އިން ތައްޔާރުވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ އިންޑިއާ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 25 ޕަސެންޓް އިތުރެވެ.