ތިމާވެށްޓަށްދޭ ގެއްލުން ކުޑަކުރަން ލަކްސް ރިސޯޓުގައި ސޯލާ ޕެނަލް ހަރުކުރަނީ
ތިމާވެށްޓަށްދޭ ގެއްލުން ކުޑަކުރަން ލަކްސް ރިސޯޓުގައި ސޯލާ ޕެނަލް ހަރުކުރަނީ

ލަކްސް ރިސޯޓުގައި ހުރި ހުރިހާ ފުރާޅެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ތިމާވެށްޓަށް ދޭ ގެއްލުން ކުޑަ ކުރުމަށް، ސޯލާ ޕެނަލް ހަރުކޮށް، އިރުގެ ހަކަތަ އުފައްދަން ކުރާ މަސައްކަތެއް ކަމަށެވެ.

ރިސޯޓުގެ ހުރިހާ ފުރާޅެއްގައި ސޯލާ ޕެނަލް ހަރު ކުރުމުގެ އިތުރުން، މޫދުގެ ތިލަ ހިސާބުތަކުގައި "ސޯލާ ސީ" ޕްލެޓްފޯމް ވެސް ހަރުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުންފުރާޅުތަކުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކާއި ސޯލާ ސީ ޕްލެޓްފޯމްތައް އަންނަ އަހަރު ބޭނުން ކުރަން ފެށޭނެ ކަމަށް ލަކްސް އިން ބުންޏެވެ.

ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ލޯންޗު ކުރި ހާއްސަ ޕްރޮގްރާމްގެ ސަބަބުން އަހަރެއްގެ ތެރޭ ޑީސަލް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑުތަނުން މަދު ކުރެވޭނެ ކަމަށް ލަކްސް އިން ބުނެ އެވެ. އެގޮތުން މިހާރު ބޭނުން ކުރާ މިންވަރަށް ވުރެ، 234،000 ލިޓަރު މަދު ކުރެވޭނެ ކަމަށް ލަކްސް އިން ލަފާ ކުރެ އެވެ.

ލަކްސްގެ ޖެނެރަލް މެނޭޖަ ޖޯނަސް އަމްސްޓެޑް ވިދާޅުވީ އެ ރިސޯޓުގައި މިފަދަ ކަމެއް ފެށުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ލަކްސް އަކީ އަބަދުވެސް ތިމާވެށްޓާ ރައްޓެހި ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރާ ރިސޯޓަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ލަކްސް އަރި އެޓޯލް އަކީ 187 ޕްރައިވެޓް ވިލާ އާއި އެކު ދިއްދޫފިނޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓަކީ ދެ އިންފިނިޓީ ޕޫލް، ޖިމް، ޓެނިސް ކޯޓް އަދި ދުނިޔޭގެ އެކި ކެއުންތައް ކެއުމަށް މަތީ ފެންވަރުގެ ރެސްޓޯރަންޓް ވެސް ހުންނަ ރިސޯޓެކެވެ.