އުމުރުން 107، ބޯކޮށާތާ 96 އަހަރު
އުމުރުން 107، ބޯކޮށާތާ 96 އަހަރު

ތިމާ ކުރާ ހިތްވާ ކަމެއްގައި ދެމިހުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. އެކަމަކު ގިނަ ދުވަސްތަކެއް ވަންދެން އަބަދު އެއް މަސައްކަތެއް ކުރަން ޖެހުމަކީ ބައެއް މީހުންނަށް ފޫހި ކަމަކަށް ވެދާނެ އެވެ. ނަމަވެސް އެމެރިކާގެ މި މީހާއަކީ އޭނާގެ މަސައްކަތަށް ހާއްސަ ލޯތްބެއް ޖެހިފައި ހުރި މީހެކެވެ.

އުމުރުން 107، ބޯކޮށާތާ 96 އަހަރު
އުމުރުން 107، ބޯކޮށާތާ 96 އަހަރު

އެންތަނީ މަންޝިނެލީގެ އުމުރުން މިހާރު 107 އަހަރެވެ. އޭނާގެ މަސައްކަތަކީ ބޯކޮށުމެވެ. އުމުރުން ކިތަންމެ ދުވަސް ވިޔަސް މި މީހާ އާމްދަނީ ހޯދަން ކުރާ މަސައްކަތަކަށް ހުއްޓުމެއް، ވަރުބަލި ކަމެއް އަދި ފޫހިވުމެއް ނެތެވެ. އެންތަނީ ބޯކޮށުމުގެ މަސައްކަތް ކުރާތާ މިހާރު 96 އަހަރުވެއްޖެ އެވެ.

އުމުރުން 107، ބޯކޮށާތާ 96 އަހަރު
އުމުރުން 107، ބޯކޮށާތާ 96 އަހަރު

ދުނިޔޭގެ ރެކޯޑް ފޮތުން ވެސް އޭނާ ވަނީ ޖާގަ ހޯދައިފަ އެވެ. އެންމެ ދުވަސްވީ ބޯކޮށާ މީހާގެ ރިކޯޑް އެންތަނީ އަށް ލިބުނީ އުމުރުން 98 އަހަރުގައި 2009 ގަ އެވެ.

ދިރިއުޅުގެ ކޮންމެ ދުވަހަކީ ވެސް އެންތަނީ ކަސްޓަމަރުންގެ އިންތިޒާރުގައި ހުންނަ ދުވަހެކެވެ. ނިއު ޔޯކްގެ ނިއު ވިންޑްޒާ އަވަށުގައި "ފެންޓާސްޓިކް ކަޓްސް" ގެ ނަމުގައި ހިންގާ ކުޑަކުޑަ ސެލޫގައި ލޯތްބާއި ޝައުގުވެރިކަމާ ހިދުމަތް ދިނުމުގައި މިވަރެއް ނެތެވެ.

އޭނާގެ ކައިރިން ގަވައިދުން ހިދުމަތް ހޯދާ މީހުން ބުނާ ގޮތުގައި އެ މީހުންގެ ބޯ އެންތަނީ ކޮށައިގެން ނޫނީ ހިތްހަމަޖެހުމެއް ނުލިބެ އެވެ. އޭގެ ތެރެއިން އެކަކީ ފާއިތުވި 10 ވަރަކަށް އަހަރު އެންތަނީ ލައްވައި ނޫނީ ބޯނުކޮށުވާ ކްރިސް ޑޫން އެވެ. އޭނާ ބުނާ ގޮތުގައި އެންތަނީ ނޫނީ "ފްލެޓް ޓޮޕް" ސްޓައިލަށް ބޯކޮށަން އެނގޭ މީހަކު ނެތެވެ.

"ހަޔާތުގެ ކޮންމެ ދުވަހަކީ ވެސް އުފާވެރި އަދި ހިތްހަމަޖެހޭ ދުވަހެއް. ކަސްޓަމަރެއްގެ އިންތިޒާރުގައި ހުރުމަކީ އަހަންނަށް ހިތްހަޖެހުން ލިބޭ ކަމެއް،" އެންތަނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ހުންނާކަށް އޭނާގެ ހިތެއް ގަބޫލެއް ނުވެ އެވެ. އެހެންވެ އެންތަނީއަކީ އަބަދުވެސް މަސައްކަތުގައި ހަރަކާތްތެރިކޮށް އުޅޭ މީހެކެވެ. އުމުރުން ގަރުނަކަށް ވުރެ ގިނަ ދުވަސް ކަނޑައްތުވި އިރު ވެސް، އޭނާ ސިއްހަތު ރަނގަޅުކޮށް ހުރީ އެ ސަބަބާ ހުރެ އެވެ.

"އެއްވެސް ކަމެއް ނުކޮށް ގޭގައި ހުރުމަކީ އަހަންނަށް ވާނެ ކަމެއް ނޫން. ހުއްޓުމެއް ނެތި މަސައްކަތް ކުރާތީ އަހަންނަށް އަބަދުވެސް އިހުސާސް ކުރެވެނީ ޒުވާންކަން،" އޭނާ ބުންޏެވެ.

އެންތަނީ ބޯކޮށުމުގެ މަސައްކަތަށް ނުކުތީ އުމުރުން އެންމެ 11 އަހަރުގަ އެވެ. އެއީ އޭރު އޭނާގެ ބައްޕަ އަށް ހަފުތާއެއްގެ މައްޗަށް ލިބޭ 25 ޑޮލަރުން ދެކޮޅު ނުޖެހޭތީ އާއިލާ އަށް އެހީތެރިވުމުގެ ގޮތުންނެވެ. އެންތަނީގެ ދިރިއުޅުން ވެސް ކޮޅަށް ޖަހައިދިން ކެރިއަރު އެ ހިސާބުން ފެށުނީ އެވެ. ފަސްއެނބުރި ބެލުމެއް ނެތެވެ.

"އެންމެ ފަހު ނޭވާއާ ހަމައަށް ވެސް މި މަސައްކަތުގައި ދެމިހުންނާނަން،" ހަތް ބެއިން ތިބި އާއިލާއަކަށް ނިސްބަތްވާ އަދި މިހާރު ހުވަފަތްވެފައި ހުރި އެންތަނީ ބުންޏެވެ. "އަހަރެން ވަރަށް ގަޔާވާ ކަމެއް ބޯކޮށަމުން މީހުންނާ އެކި ކަހަލަ ވާހަކަތައް ދެއްކުމަކީ. އެހެންވީމަ މި މަސައްކަތާ ނުލައެއް އަހަންނަކަށް އެންމެ ދުވަހަކަށް ވެސް ނޫޅެވޭނެ."